ޚަބަރު

އިންތިޚާބަށް ރެކޯޑް ސާފުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހައިކޯޓުން ހަމަޖައްސައިދެއްވައިފިއެވެ.

ހައިކޯޓުން ބުނީ ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގައިވެސް ރެކޯޑް ސާފުކުރެވޭނެ ގޮތް އެކޯޓުން ފަހިކޮށްދީފައިވާނެ ކަމަށެވެ. ހައިކޯޓުން ބުނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު އަށެއްޖެހުމާއި ހަމައަށް، ޚިދުމަތް ދެމުންގެންދާނެކަމަށާއި، ކޮންމެ ހޮނިހިރު ދުވަހު ހެނދުނު ދިހައަކުން ހަވީރު ހަތަރެއް ޖެހުމާއިހަމައަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެ ގަޑިތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަވާ ފޯމްތައް ބަލައިގަންނާނެ ކަމަށްވެސް ހައިކޯޓުން ބުނެއެވެ. އަދި އެ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެކޯޓުން ބުނެއެވެ.

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ރެކޯޑް ސާފުކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހައިކޯޓުން ހަމަޖައްސައިދީފައިވާއިރު، މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތަކުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްމީހަކުނަމަ ޙުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާކަމަށްވާނަ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. އަދި ޖިނާޢީ ކުށެއްކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛްކުރަމުންދާ މީހަކަށްވާނަވެސް މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ.