ޚަބަރު

ކޮންމެ މީހަކީވެސް ދުޅަހެޔޮ ޞިއްޙަތަކަަށް ލޯބިކުރާ މީހަކަށް ވާންޖެހޭ - ނާއިބު ރައީސް


ކޮންމެ މީހަކީވެސް އަމިއްލަ ނަފްސަށް އިސްކަންދޭ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ލޯބިކުރާ މީހަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ "އެކްޓިވް ވޯރކްޕްލޭސް" ކޮންސެޕްޓް ތަޢާރަފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޙާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅުވައިގެން ކެންސަރ ސޮސައިޓީން ތަޢާރަފުކުރި "އެކްޓިވް ވޯރކްޕްލޭސް" ކޮންސެޕްޓް ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިއްމުކަން އާއްމުންނަށް އަންގައިދެމުންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކަމުގައި އަމަލީގޮތުން ބައިވެރިވެ، ނަމޫނާ ދައްކަވާފައިވާކަމަށެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު ދިމާވާ ތަފާތު މައްސަލަތަކާމެދު ފުންކޮށް ވިސްނާ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެދޭނަމަ ދޫކޮށްލަންޖެހޭ ކަންތައްތަކެއް ހުރިކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ކެންސަރު ބަލީގެ ނުރައްކާ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ، ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ކޮންމެ މީހަކީވެސް އަމިއްލަ ނަފްސަށް އިސްކަންދޭ، އަމިއްލަ ނަފްސުދެކެ ލޯބިވާން ދަންނަ މިހަކަށް ވާންޖެހޭކަމަށެވެ. އަދި ބުރަކޮށް އުޅެމުންވެސް ވަގުތު ހުސްކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތް ކުރެއްވުމަކީ މުހިންމު ކަމެއްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ކެންސަރ ސޮސައިޓީން ތަޢާރަފުކުރި "އެކްޓިވް ވޯރކްޕްލޭސް" ކޮންސެޕްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޖަމްޢިއްޔާގެ ޗެއަރޕަސަން ޖުވޭރިޔާ ސަޢީދު ވިދާޅުވީ، މިއީ އޮފީހާއި މަސައްކަތުގެ މާހައުލުގައި އުޅޭވަގުތު، ހެލިފެލިވެ އުޅުމަށް ބާރު އެޅުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ ކޮންސެޕްޓެއްކަމަށެވެ. އަދި މިއީ ކެންސަރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ޔޫނިއަން ފޯރ އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލްގެ ފަރާތުން ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް އޮތް 3 އަހަރަށް ކަނޑައަޅާފައިވާ ޝިޢާރުކަމަށްވާ "އައި އޭމް އެންޑް އައި ވިލް" މި ޝިޢާރުގެ ދަށުން ކޮންމެ މީހަކަށްވެސް ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތް ކުރެވިދާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން ތަޢާރަފު ކުރި ކޮންސެޕްޓެއްކަމަށްވެސް ޖުވޭރިޔާ ވިދާޅުވިއެވެ.

އެކްޓިވް ވޯރކްޕްލޭސް ކޮންސެޕްޓު ތަޢާރަފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޙާއްސަ ހަރަކާތުގައި ކެންސަރ ސޮސައިޓީގެ ފަރާތުން ވަނީ މި ކޮންސެޕްޓުގެ ދަށުން އޮފީސް މާހަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުރެވިދާނެ ބައެއް ކަހަލަ ކަސްރަތުގެ ހަރަކާތްތައް ދައްކާލާފައެވެ. މި ހަރަކާތުގައި ނާއިބް ރައީސް ފައިޞަލް ނަސީމްގެ އިތުރުން ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، އެ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.