ސިޔާސީ

ރައީސް ޞާލިޙު ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި


އަވަށްޓެރި ސްރީލަންކާގެ 71 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަންބޯގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ރަސްމިއްޔާތު ރައީސް ޞާލިޙު ޝަރަފްވެރިކޮށްދެއްވިއިރު، މިއީ ރާއްޖޭގެ ރައީސަކު އަވަށްޓެރި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ލަންކާގެ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންކާގެ ރައީސް މައިތްރި ޕާލާ ސިރިސޭނާއާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ރަސްމިއްޔާތު ބާއްވާ ސަރަޙައްދަށް ވަޑައިގަތުމާއި އެކުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ޕްލޭނިންގ މިނިސްޓަރ އަހުމަދު އަސްލަމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ރާއްޖޭގެ ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ޑެލިގޭޝަނެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ރައީސް ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދެވަނަ ދަތުރުގައި އެމަނިކުފާނު ވަނީ އިއްޔެ ލަންކާއަށް ވަޑައިގެން އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން އެ ޤައުމުގެ ބޮޑުވަޒީރާއި އެ ޤައުމުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙު ލަންކާއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.