ޚަބަރު

"ޕްރިންސްޕަލުންގެ ކޮންފަރެންސް މިމަހުގެ 16އިން 17 އަށް"


ދަރިވަރުންނަށް ސްކޫލްއިން ލިބޭ ތަޢުލީމްގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޕްރިންސްޕަލުންގެ ދައުރު ފުޅާކުރުމަށް "ޕްރިންސްޕަލުންގެ ކޮންފަރެންސްއެއް" ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 17 އަށް ކަމަށެވެ. ރަޝީދު ވިދާޅުވީ ސްކޫލްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރިންސްޕަލުންނަށް ޚާއްސަކޮށްގެން މިފަދަ ކޮންފަރެންސެއް ނުބާއްވާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. މި ކޮންފަރެންސަކީ ތަޢުލީމީ ދާއިރާގައި ޕްރިންސްޕަލުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށްގެންދާ ކޮންފަރެންސެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ޕްރިންސިޕަލުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ހުރިހާ ޕްރިންސްޕަލުން އެއްތަނަކުން ބައްދަލުވެ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

މި ކޮންފަރެންސްގައި ދަރިވަރުންނަށް ދޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޕްރިންސިޕަލުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތަކާއި މަންހަޖް ތަންފީޒުކުރުމުގައި ޕްރިންސްޕަލުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުނާނެއެވެ. އަދި ވަށާ ޖެހޭ ތަޢޫލީމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.

"ސިންގަލް ސެޝަން ސްކޫލް އަކީ ކޮބައިތޯ ، ސިންގަލް ސެޝަން ސްކޫލްގައި ހިމެނޭ ސިފަތައް، ހިންގާނެ މޮޑެލްއަކީ ކޮބައިތޯ ކިޔާދޭނެ. ޕްރިންސްޕަލުންނަށް ކާމިޔާބު ޕްރިނސްޕަލެއްގެ ތަޖްރިބާ ހިއްސާ ކުރާނެ. މިހާރު ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ" ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ރަޝީދު ވިދާޅުވީ މި ކޮންފަރެންސްގައި ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް މަގުފަހިވާ ޕޮލިސީތަކުގެ މުހިއްމުކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ސްކޫލްތަކުގައި ކުރިއަށް ގެންދާ ހެނދުނުގެ ނާސްތާ އާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މިހާރު މި ޕްރޮގްރާމްގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާ އެކަންކަން ރަނގަޅުކުރުމަށް ހުރި ފުރުޞަތުތަކާގުޅޭ ގޮތުންވެސް މަޝްވަރާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭންގެ ބައިތަކާމެދު ޕްރިންސިޕަލުންގެ ޚިޔާލުހޯދުމަށް ވަނީ ހަމަޖެހިފައެވެ. ނޭޝަނަލް އިންސްޓިއިޓް އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސްގައި މެލޭޝިޔާގެ ޕްރޮފެސަރެއްގެ ކީ ނޯޓެއް ދެއްވާނެއެވެ.

ޕްރިންސްޕަލުންގެ ކޮންފަރެންސެއް ބާއްވާއިރު އެޑިއުކެޝާން މިނިސްޓްރީން މީގެ ކުރިން ވަނީ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށާއި ތަޢުލީމީ ދާއިރާގެ އާ ހޯދުންތައް ހިއްސާކުރުމަށް ބައިނަލްއަޤްވާމީ ޓީޗަރުންގެ ކޮންފަރެންސްތަކެއް ބާއްވާފައެވެ.