ޚަބަރު

ރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންނަށް ވަކި ލައިސަންސެއްގެ ދަށުން އެކަނި މަސައްކަތް ކުރެވޭނެގޮތް ހަދަނީ


ރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންނަށް ވަކި ލައިސަންސެއްގެ ދަށުން އެކަނި މަސައްކަތް ކުރެވޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މުދައްރިސުންނަށް ލައިސަންސް ދިނުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ މުދައްރިސުންނަށް ލައިސަންސް ދޫކުރާއިރު އެ މުދައްރިސެއްގެ ޤާބިލިއްޔަތުކަމާއި ހަދާފައިވާ ކޯހުގެ މާއްދާތަކާއި ރާއްޖޭގައި މިހާރު ތަންފީޒު ކުރަމުންދާ ކަރިކިއުލަމާއި ހުރި ގުޅުމުގެ މައްޗަށް ބަލާނެކަމަށެވެ. އަދި މި ލައިސަންސް ހައްޤުވާނީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ތައްޔާރުވެފައި ތިބި މިންވަރު ބެލުމަށްފަހުގައިކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން ކޮލެޖްތަކުގައި ކުރިއަށްގެންދާ މުދައްރިސުންގެ ކޯސްތަކުގައި ކަރިކިއުލަމްއަށް މުދައްރިސުން ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މުސްތަގުބަލުގައި މުދައްރިސުންނަށް ލައިސަންސް ދޫކުރާއިރު ބެލެންޖެހޭނެ، މުދައްރިސުންގެ ކޯހުގައި ކިޔަވައިދޭ މޮޑިއުލްތަކަކީ ކަރިކިއުލަމްއާ ކިހާ ގުޅުމެއްހުރި މޮޑިއުލްތަކެއްކަމަށް.ލައިސަންސް ހައްގުވެގެންދާނީ ކަރިކިއުލަމް ތަންފީޒްކުރުމަށް ތައްޔާރުވެފައިހުރި މިންވަރަށް ބަލާފަ." ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މުދައްރިސުންނަކީ ޚާއްޞަ ލައިސަންސެއްގެ ދަށުން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ނިންމިއެވެ. ނަމަވެސް އެކަން އޭރުގެ ސަރުކާރުން ތަންފީޒް ކޮށްފައެއް ނުވެއެވެ.

ސަރުކާރުން މުދައްރިސުންނަށް ޚާއްސަ ލައިސެންސެއް ދިނުމަށް މަސައްކަތް ކުރަމުންދާއިރު މިމަހުގެ 23 އިން 24 އަށް ބާއްވާ ކަރިކިއުލަމް ސިމްޕޯސިއަމްގައިވެސް މިކަމާބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކަރިކިއުލަމް މުރާޖާ ކުރުމަށް ސިންޕޯސިއަމެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޔުނިސެފްގެ އެހީއާ އެކު ބާއްވާ މި ސިމްޕޯސިއަމްގެ މައުލޫމާތު ހިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މި ސިމްޕޯސިއަމްގައި ކަރިކިއުލަމް ތަންފީޒްކުރުމުގައި އެކި ސްޓޭކްހޯލްޑާރސް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެކަމަށާއި ދަރިވަރުންގެ ކިބައިގައި އެކިކަންކަން ކުރުމުގައި ޤާބިލިއްޔަތުކަން އުފެއްދުމުގެ މައްޗަށްވެސް މަޝްވަރާކުރާނެކަމަށެވެ.

"ކަރިކިއުލަމް ތަންފީޒް ކުރުމުގައި މި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކުދިންނަށް ފައިދާވާނެ ގޮތްތައްކެއް ހޯދައިދިނުމާއި ސްކޫލްދައުރު ނިންމާ މުޖުތަމަޢުއަށް ނުކުންނަ ކޮންމެ ދަރިވަރަކީ މުޖުތަމަޢުއަށް ފައިދާކުރާނެ ދަރިވަރަކަށް ހެދުން.އަދި ކޮންމެ ދަރިވަރަކީ އެއްވެސް މާއްދާއެއް ދޫނުކޮށް ކިޔަވާކުއްޖަކަށް ވުމަށް ބާރުއަޅާނެ. ބެއިސިކް އެޑިއުކޭޝަން ނިންމުމަށްފަހުގައު ކޮންމެ ކުއްޖަކީ މަސައްކަތައް ލޯބިކުރާ ހުނަރުވެރިކުއްޖަކަށް ހެދުމަށްޓަކައި މަސައްކަތްތައް ކުރާނެ" ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި އައު ކަރިކިއުލަމް ތަންފީޒްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. މި ކަރިކިއުލަމް މުރާޖާ ކުރުމަށް ބާއްވާ ފޯރަމްގައި ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުންނާއި ޕްރިންސްޕަލުންނާއި ސްކޫލްތަކުގެ މެނޭޖަމަންޓުތަކުންވެސް ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ސިމްޕޯސިއަމްގައި އިނގިރޭސިވިލާތުގެ ތަޖުރިބާކާރަކާއި، ދިވެހި ތަޖުރިބާކާރުންވެސް ކީ ނޯޓު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.