ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތައް އިޝްތިހާރުކުރާ ވެބްސައިޓެއްކަމަށްވާ ބުކިން ޑޮޓްކޮމްގެ ގެސްޓް ރިވިއު އެވޯޑް ފުށިފަރު މޯލްޑިވްސް ރިސޯޓަށް ލިބިއްޖެއެވެ.
ބުކިން ޑޮޓްކޮމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި ގެސްޓްހައުސް އަދި ރިސޯޓުތައް އިޝްތިހާރުކޮށް އެތަންތަނަށް އާންމުންގެ ތަރުޙީބު އޮތް މިންވަރު ދެނެގަނެވޭ ވެބްސައިޓެކެވެ. އެގޮތުން ވަކި ސްކޯތަކެއް ދީގެން ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލަކީ ކޮބައިކަން މި ވެބްސައިޓް މެދުވެރިކޮށް ދެނެގަނެވެއެވެ.
2018 ވަނަ އަހަރު ބުކިން ވެބްސައިޓުގެ ގެސްޓް އިންޑެކްސް ސްކޯއިން 10 އަކުން 9.2 ހޯދައިގެން ފުށިފަރު މޯލްޑިވްސް ރިސޯޓުން ވަނީ މި އެވޯޑް ކާމިޔާބުކޮށްފައެވެ.
ފުށިފަރު މޯލްޑިވްސްގެ ޖެނެރެލް މެނޭޖަރ އަހްމަދު ސިއާރު ވިދާޅުވީ ރިސޯޓުގެ މެނޭޖްމެންޓުން ރިސޯޓަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފުރިހަމަ މެހުމާންދާރީއެއް އަދާކުރުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 49 ވޯޓަރ ވިލާއާއިއެކު އެންމެ ޒަމާނީ ސްޕާ އަކާއި ވޯޓަރ ސްޕޯޓްސް ފަދަ ތަފާތު ޚިދުމަތްތައް ލިބޭނެހެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.
ބުކިން ޑޮޓްކޮމްގެ ގެސްޓް ރިވިއު އެވޯޑް ކުރިއަށްގެންދާތާ މިހާރު 6 އަހަރުވެފައިވާއިރު މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލު މަންޒިލްތައް ފާހަގަކުރުމަށްޓަކައި ދެމުން އަންނަ އެވޯޑެކެވެ.