ސިޔާސީ

ޤާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ 3 އަޑުއެހުމެއް


ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މެޖަރ ޖެނަރަލް ރިޓަޔަރޑް މުސާ އަލީ ޖަލީލް އާއި ބްރިގޭޑިއާރ ޖެނަރަލް ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީއާއި ކާނަލް މުހައްމަދު ޒިޔާދްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ކުރާ ޓްރަރިޒަމްގެ ދައުވާގައި ވަކީލަކު އައްޔަންކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ކްރިމިނަލްކޯޓުން ދީފިއެވެ.މުސާ އަލީ ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ ނިންމުމުން އެކަމާއި މަޝްވަރާކޮށް އެކަމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.މައްސަލާގައި ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާއި އެކު ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވުމުން މިއަދުގެ އަޑުއެހުން ނިންމާލީ އެކަމަށް ތިންދުވަހުގެ ފުރުސަތެއް ޝަރީއަތުން ދިނުމަށްފަހުގައެވެ.އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ދެން މިއަދު ބާއްވާފައިވަނީ ކުރިން މާލޭ އޭރިޔާގެ ކޮމާޑަރުގެ ގޮތުގައި ހުންނެވި މިހާރުގެ ރައްޔިތުން މަޖްލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ރިޓެޔަޑް އިބްރާހިމް މުހައްމަދު ދީދީ ކާނަލް މުހައްމަދު ޒިޔާދްގެ މައްސަލައިގެ އަޑުއެހުމެވެ. އިބްރާހިމް ދީދީގެ  މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އިސްގާޒީ ބަންދުކުރުމަށް ހިންގި އޮޕަރޭޝަންގައި  މާލޭގެ އޭރިޔާގެ ކޮމާންޑަރަކަށް ހުރެ އިބްރާހިމް ދީދީ ބައިވެރިވެވަޑައިގެންފައިވާކަމަށެވެ. އަދި ގަދަކަމުން އިސްގާޒީ އަބްދުﷲ މުހައްމަދު ގެންގޮސް ގިރިފުށީގައި ބަހައްޓާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައި ބުނެފައިވެއެވެ.މި ދައުވާއަށް އިބްރާހިމް ދީދީ ވަނީ އިންކާރްކުރައްވާފައެވެ.ކާނަލް ޒިޔާދްގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ އިސްގާޒީ ބަންދުކުރުމަށް ހިންގި އޮޕަރޭޝަންގައި  އޮޕަރޭޝަން ޑީރެކްޓަރ ޖެނަރަލްއަކަށް ހުރެ އޭނާ  ބައިވެރިވެ ވަޑައިގެންފައިވާކަމަށެވެ.މި މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލީ ވަކީލަކު އައްޔަންކުރުމަށް ތިން ދުވަހުގެ ފުރުސަތެއް އިބްރާހިމް ދީދީއާއި މުހައްމދު ޒިޔާދަށް ދިނުމަށް ފަހުގައެވެ.