ޚަބަރު

މަލްޓިގްރޭޑް ޓީޗިންގެ އުސޫލަށް ބަދަލުގެނެސް، ތަންފީޒް ކުރުމުގެ ބާރު ސްކޫލްތަކަށް


ސްކޫލްުތަކުގައި މަލްޓި ގްރޭޑް ޓީޗިންގއަށް ކިޔަވައިދޭ އުސޫލަށް ބަދަލުގެނެސް، އެ ނިޒާމުގެ ތެރެއިން ކިޔަވައި ދިނުމާމެދު ގޮތެއް ނިންމުމުގެ ބާރު ސްކޫލްތަކަށް ދީފިއެވެ.

މި ބަދަލާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ ސްކޫލުތަކަށް ފޮނުއްވެވި ސިޓީފުޅުގައިވަނީ މި ބަދަލާ ގުޅިގެން ސްކޫލްތަކަށް ދިމާވާ ދަތިތައް އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށް އެ ކަންކަމަށް ހައްލު ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި ސްކޫލްތަކުގައި މަލްޓި ގްރޭޑް ޓީޗިންގއަށް ކިޔަވައިދިނުމުގައި ގޮތެއް ނިންމުމުގެ ބާރުވެސް ވަނީ ސްކޫލްތަކަށް ދީފައެވެ.

މަލްޓި ގްރޭޑް ޓީޗިންގއަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކުގެ ތެރޭގައި، ހަމައެކަނި މަލްޓި ގްރޭޑް ޓީޗިންގ ކިޔަވައި ދިނުމަށް ނިންމާފައިވަނީ އެއް ކީ ސްޓޭޖެއްގައި ހިމެނޭ ދެ ގްރޭޑު އެއްކޮށްލައިގެން ދެ ގްރޭޑުގެ ޖުމްލަ އަދަދު 10 ނުވަތަ އެއަށްވުރެ މަދު ނަމައެވެ. އެހެންނަމަވެސް މި ނިޒާމު 2017 ވަނަ އަހަރު ފެށި އިރު މަލްޓިގްރޭޑުކޮށް ކިޔަވައިދީފައިވަނީ ގްރޭޑެއްގައި 20 ދަރިވަރުން ހަމަނުވާނަމައެވެ.

މަލްޓި ގްރޭޑް ޓީޗިންއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަކީ ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، އެއްވެސް ކުއްޖަކު ބާކި ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރީގެ ސަރުކާރުން ފެށި ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކިޔަވައިދެމުން ދަނީ ދަރިވަރުންގެ އާބާދީ މަދު ސްކޫލްތަކުގައެވެ. މަލްޓިގްރޭޑް ޓީޗިންގ އަކީ ކުރި އަރާފައިވާ ޤައުމުތަކުގައިވެސް ކިޔަވައިދިނުމުގައި ބޭނުންކުރާ ނިޒާމެކެވެ.