ކުޅިވަރު

ސަން ހުއެން މިންއަކީ ޗާޖް ހުސްނުވާ ބެޓަރީއެއް - ޕޮޗެޓީނޯ


ޓޮޓްނަމްގެ ފޯވާޑް ސަން ހުއެން މިންއަކީ ޗާޖް ހުސްނުވާ ބެޓަރީއެއްކަމަށް ބުނެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ފޯވާޑަށް ތައުރީފްކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ޓޮޓްނަމް ވާދަކުރި މެޗު ޓޮޓްނަމުން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މި މެޗުގައި ޓޮޓްނަމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކޮރެއާގެ ފޯވާޑް ސަން ހުއެން މިންއެވެ.

ޕޮޗެޓީނޯ ބުނީ ސަން އަކީ ޗާޖުކޮށްފައި ހުންނަ ބެޓަރިއެއްކަމަށާއި، 90 މިނެޓުވަންދެން އޭނާ އެއްވާނެއްގައި މަސައްކަތްކުރާކަމަށެވެ. ސަންއަށްވުރެ މަސައްކަތުރޭޓު ރަނގަޅު ކުޅުންތެރިއަކަށް އޭނާ އިރުޝާދު ނުދޭކަމަށް ޕޮޗެޓީނޯ ބުންޏެވެ. ޕޮޗެޓީނޯ ބުނީ ކެޕްޓަން އަދި ފޯވާޑް ހެރީކޭންއަށް އަނިޔާވެފައިވާ މި ދަނޑިވަޅުގައި ސަން ފިޓުކޮށް ހުރުމާކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ރޭގެ މޮޅާއިއެކު ޓޮޓްނަމްވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާއި ޓޮޓްނަމާއި ދެމެދު އޮތީ 4 ޕޮއިންޓްގެ ފަރަގެކެވެ.