ޚަބަރު

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ހަރަކާތްތަކެއް


ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންނާއި ގުޅުންހުރި ކެންސަރުގެ ބަލިތަކަށް ހޭލުންތެރިކުރުވުމުގެ ޚާއްޞަ ހަރަކާތެއް އައިޖީއެމް ހޮސްޕިޓަލުގައި ބޭއްވުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައެނެކޮލޮޖީއިން ބާއްވާ މި ހަރަކާތް މާދަމާ މެންދުރު އެކަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އޯޕަންޑޭއެއް ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އަންހެނުންނާއި ގުޅުންހުރި ކެންސަރުގެ ބަލިތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން އެކަންކަމާ ގުޅޭ މަޢުލޫމާތު އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގުތަމަށް ސްކްރީން ކޮށްދިނުން ކުރިއަށްދާނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން ކެންސަރު ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ، ޤައުމީ ޔުނިވަރސިޓީ އަދި އައިޖީއެމްއެޗް ގުޅިގެން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް މިމަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ވޯލްޑް ކެންސަރ ޑިކްލަރޭޝަންގައި ކަޑައަޅާފައިވާ ލަނޑުދަޑިތައް ޙާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުން ހިމެނެއެވެ.