ސިޔާސީ

ބޭރުގެ ފަރާތްތަކުގެ ބަޔާންތަކަށް ދިވެހި ހާރިޖީ ވަޒީރު ރައްދު ދީފި


ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިހާރު ކުރިމަތިވެފައިވާ ހަލަބޮލިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ނެރެމުންދާ ބަޔާންތަކަށް ދިވެހި ޚާރިޖީ ވަޒީރު – ދުންޔާ މަޢުމޫން، ރައްދު ދެއްވައިފިއެވެ.އެގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ނެރުއްވި ބަޔާނަށް ރައްދު ދެއްވަމުން، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ކުރަމުންދާ ދަޢުވާއާއި ގުޅިގެން ނެރުއްވި ބަޔާނާ މެދު ހިތާމަ ކުރައްވާކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.ރާއްޖޭގެ މަސްރަޙުގައި ކަންހިނގަމުންދާ ގޮތް ކޮމަންވެލްތުން "ވަރަށް ގާތުން" ބަލަމުންދާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށާ، ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކޮމަންވެލްތުން ފާއިތުވީ ދުވަސްތަކުގައި ދިވެހި ޚާރިޖިއްޔާއާއި އެއްވެސް ވަރަކަށް މުޢާމަލާތު ކޮށްފައި ނުވާކަމަށް ދުންޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އަމިއްލަފުޅަށް އިސްނަންގަވައިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ރޭގެ ވަގުތެއްގައި ފޯނުން ގުޅުއްވާ އެކަމަނާ އަމިއްލަފުޅަށް ވާހަކަފުޅު ދައްކަވާފައިވާނޭކަމަށާ، ރާއްޖޭގެ މަސްރަޙާ ގުޅިގެން ދެފަރާތުގެ މަސްލަޙަތު އެކުލެވޭ ކަންކަމުގެ ވާހަކަ ހިއްސާ ކުރައްވާފައިވާނޭކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ކަންމިހެންއޮތްއިރު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖުގައި، އަސާސީ ޙަޤީޤަތްތައްވެސް އޮޅޭ ގޮތަށް، އިސްތިރާޖީ އޮޅުންތަކެއް ހުރުމުން އެކަމާ ހިތާމަ ކުރައްވާކަމަށް ދިވެހި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.2012 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގާދިޔަ ކަންތައްތައްވެސް ކޮމަންވެލްތުން ޙަޤީޤަތާ ޚިލާފަށް މާނަކޮށް، ސީމެގަށް ހުށައަޅާފައިވާކަން ދުންޔާގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ކަމެއް ކޮމަންވެލްތުން އަނެއްކާވެސް ތަކުރާރު ނުކުރާނެ ކަމަށް ރާއްޖޭން އުއްމީދު ކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.ޚާރިޖީ ވަޒީރު – ދުންޔާ މައުމޫން ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅިގެން ކެނެޑާގެ ޚާރިޖީ ވަޒީރު – ރޮބް ނިކޯލްސަން ޢާންމު ކުރެއްވި ބަޔާނަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން ކެނެޑާގެ ޚާރިޖީ ވަޒީރު – ނިކޯލްސަން ދެއްވި ބަޔާނުގައި ރިޢާޔަތްކޮށްފައިވަނީ ތުންތުންމަތިން ދެކެވުނު ތޯތޯ ވާހަކަތަކަށް ކަމަށް ފާހަގަ ކުރެއްވޭކަމަށް ވިދާޅުވިއެވެ.ރާއްޖޭގެ މަޝްރަހާ ގުޅިގެން އދ.ން ޢާންމުކުރި ބަޔާނާމެދުވެސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަން ދުންޔާ ނެރުއްވި ބަޔާނުގައި ވަނީ ހާމަ ކުރައްވާފައެވެ. ޝަރުޢީ މަރުޙަލާގައި އޮތް ކަމަކާ ގުޅިގެން، ދާޚިލީ ފެންވަރުގައި އުފެދިފައިވާ ހަމަނުޖެހުންތަކަކާ ގުޅޭ ގޮތުން، ބަޔާނެއް ޢާންމު ކުރާއިރު، ނުފޫޒުގަދަ ވަކި ފަރާތަކަށް ޖެހިގެން ތުހުމަތުތަކެއް އަމާޒުކުރާއިރު، ޙަޤީގަތުގައި ކަން ހިނގާފައިވާ ގޮތް ބެލުން މުހިންމު ކަމަށް ދުންޔާ ވިދާޅުވިއެވެ.  ކަންމިހެންއޮތްއިރު، މިނިވަން ދައުލަތެއްގެ އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނެކަމުގެ ހުރިހާ ޢަމަލުތަކަކުން ދުރުވެ ތިބުމަށް، ބައިނަލްއަޤްވާމީ ބައިވެރިންނަށް ގޮވާލައްވާކަމަށްވެސް ދުންޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.