ޚަބަރު

ފުވައްމުލަކުގައި ޑައިލެސިސް ސެންޓަރެއް ޤާއިމުކުރަނީ


ފުވައްމުލަކު ހޮސްޕިޓަލްގައި ޑައިލެސިސް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ފުވައްމަލަކު އަތޮޅު ހޮސްޕިޓަލްގައި ޑައިލެސިސް ޚިދުމަތް ދިނުމުގެ ގޮތުން، ހެލްތް މިނިސްޓްރީން ވަނީ ޑައިލެސިސް ސެންޓަރެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ކަމަށް އިޢުލާނުގައިވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ފުވައްމަލުކު ހޮސްޕިޓަލްގައި ޤާއިމްކުރާ ޑައިލެސިސް ސެންޓަރުގައި، އެއްފަހަރާ 3 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ މެދުތެރޭގައި ޑައިލެސިސްގެ ޚިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ރާއްޖޭގެ 7 ސަރަޙައްދަކުން މިހާރުވެސް އަންނަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ، ހއ، ރ، ލ، ނ، ގދ އަދި އައްޑޫ ސިޓީއެވެ.
އެންމެ ފަހުން ޑައެލިސިސްގެ ޚިދުމަތް ދޭން ފަށާފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލްގައެވެ.