ސިޔާސީ

އިންޑިއާއިން ރާއްޖެއަށް ދޭ އެހީ ހަތަރުގުނަ ބޮޑުކުރަނީ


އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ހަތަރުގުނައަށް ބޮޑުކުރަން ނިންމައި އެގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ހުކުރު ދުވަހު އިންޑިއާގެ އެކްޓިންގ ފިނޭންސް މިނިސްޓަރު ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި މި ހިނގާ 2019 ވަނަ އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެއަށް އެހީގެ ގޮތުގައި ރާއްޖެއަށް ދޭން ކަނޑައަޅާފައިވަނީ 575 ކްރޯޑް ރުޕީސް ނުވަތަ ފަސް ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅި އަދަދަށް ވުރެ 460 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ހަތަރު ގުނަ އިތުރުކުރަން ބަޖެޓްކޮށްފައިވާއިރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު މިދިޔަ ޑިސެންބަރު މަހު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލީޓީ އެއްވެސް ދީފައެވެ.

ރާއްޖެއަށް ދެމުން އަންނަ އެހީތައް އިތުރުކުރުމަށް އިންޑިއާއިން ނިންމެވިއިރު، އެގައުމަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ޒަމާނުއްސުރެ ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އިންޑިއާއިން ވަނީ ރާއްޖެއަށް މާލީގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދީފައެވެ.