ޚަބަރު

ޤާނޫނާއި ޤަވާއިދުތަކާއި އުޞޫލުތައް ނަގަހައްޓާނަން - އިސްލާމިކް މިނިސްޓްރީ


ކަނޑައަޅާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޢުޞޫލުތައް ނަގަހައްޓާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޖަމިއްޔަތުއް ސަލަފްއިން ޢަރަބިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ދަރުހަކަށް އިސްލާމިކް މިނިސްޓްރީން ހުރަސް އެޅި ކަމަށްބުނެ ސޯޝަލް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާއި ދީނީ ޝިޢާރުތައް ފާޅު ކުރުމުގެ ބެލެނެވެރި ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ދީނީ ނަޞޭޙަތް ދޭނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެފައިވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޖަމިއްޔަތުއް ސަލަފްއިން މިދިޔަ ހުކުރު ދުވަހު ޢަރަބިއްޔާ ސްކޫލުގައި ބާއްވަން އުޅުނު ދަރުހަކީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުން ބޭރުން، ހުއްދައެއް ނެގުމަކާއި ނުލައި ބާއްވަން މަސައްކަތްކުރި ދަރުހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުއްދަ ނުނަގާ ޖަމިއްޔަތުއް ސަލަފްއިން ދަރުސް ބާއްވަން މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން އެ މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށެވެ.

އެހެންކަމުން ދަރުސް ބާއްވަން ބޭނުންވާ ކަމަށްވަނީ ނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ނެގުމަށް މިދިޔަ މަހުގެ 30ވަނަ ދުވަހު ޖަމިއްޔަތުއް ސަލަފަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް ހުއްދަ ނަގާފައި ނުވުމުގެ ސަބަބުން މިދިޔަ މަހުގެ 31ގައި ތަކުރާރުކޮށް ހުއްދަ ނެގުމަށް އެ ޖަމިއްޔާއަށް އިލްތިމާސް ކުރަމުންދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ ޖަމިއްޔާތަކަކީ އެއް ވިސްނުމެއްގައި އެއް ލަނޑުދަނޑިއެއް ޙާޞިލް ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރަންޖެހިފައިވާ ފަރާތްތަކެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ޖަމިއްޔަތުއް ސަލަފްއިން ބާއްވަން މަސައްކަތް ކުރި ދަރުހަކަށް އިސްލާމިކް މިނިސްޓްރީން ހުރަސް އެޅި ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ދީނީ ޢިލްމުވެރިން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ބައެއް ޢިލްމުވެރިން އިސްލާމިކް މިނިސްޓްރީން ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް އަންނަނީ ތަޢުރީފް ކުރަމުންނެވެ.