ޚަބަރު

އެމްއެމްސީގެ މެންބަރަކަށްވުމަށް ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އަންގާރަ ދުވަހަށް މިހާރު މީޑިއާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ މަޤާމަށް މެންބަރަކު ޢައްޔަން ކުރަން ބޭނުންވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުންވާ މީޑިއާތަކުން، މި މަހު 13 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދޭ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުގެ އަށް މެންބަރުންނާއި ޢާއްމުންގެ ހަތް މެންބަރުން ހިމެނޭގޮތައް މުޅި ޖުމްލަ 15 މެމްބަރުންނެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރު ހަމަވުމުން މިދިޔަ ޑިސެމްބަރ މަހުގެ 15ވަނަ ދުވަހު އެ ކައުންސިލަށް މުޅިން އަލަށް އިތުރު މެންބަރުންތަކެއް އިންތިޚާބު ކުރައްވާފައެވެ. ނަމަވެސް ކުރީގެ ކައުންސިލް މެންބަރެއްގެ ދައުރު ހަމަ ނުވާތީ ކައުންސިލަށް އިންތިޚާބުކުރީ 15 މެންބަރުންގެ ތެރެއިން 14 މެންބަރުންނެވެ.