ޚަބަރު

ފުވައްމުލަކުގައި ފުލުހުންގެ އަދަދު އިތުރުކުރަނީ


ފުވައްމުލަކު ސިޓީގައި ތިބި ފުލުހުންގެ އަދަދު އިތުރުކޮށް އަންނަ ހަފްތާގައި އިތުރު ފުލުހުން އެ ސިޓީއަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކްޓިން ކޮމިޝަނަރ މިހެން ވިދާޅުވީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ހަމީދު ވިދާޅުވީ ފުވައްމުލަކުގައި ފުލުހުން ތިބި އަދަދަކީ ފުވައްމުލަކާއި އެކަށީގެންވާ އަދަދެއް ނޫންކަމަށެވެ. އަދި ފުވައްމުލަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އެންމެ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް ނިންމި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ފުވައްމުލަކަށް އަންނަ ހަފްތާގެ ތެރޭގައި ފޮނުވާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި އެކްޓިން ކޮމިޝަނަރ މުހައްމަދު ހަމީދުވަނީ ފުލުހުންގެ ހިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި، ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުން އަންނަ ފުލުހުންގެ ހިދުމަތްތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަން ކައުންސިލާ ގުޅިގެން ކުރައްވާނެކަމަށްވެސް އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ އެމަނިކުފާނު މިހާރު އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރަކީ މި ދެ ސިޓީގެ ފުލުހުންގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތަކާއި މަސައްކަތް ކުރަމުން އަންނަ ގޮތް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ފުލުހުންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށެވެ.

އެކްޓިން ކޮމިޝަނަރ މުހައްމަދު ހަމީދު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ފައިރޫޒްގެ އިތުރުން އެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިންވެސް ބައިވެރިވެޑައިގަންނަވައެވެ.