ޚަބަރު

ސޫރިޔާގައި އަނެއްކާވެސް އައި.އެސްގެ ބާރު އިތުރުވެގެން ހިނގައިދާނޭކަމުގެ އިންޒާރު އެމެރިކާއިން ދީފި


އައިއެސް ޖަމާއަތާ ދެކޮޅަށްކުރާ ހަނގުރާމައިގައި ކުޑަވެސް ދުލެއް ދެވިއްޖަނަމަ ހަ މަސް ދުވަހުގެ ތެރޭގައި ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް އެ ޖަމާއަތް އަލުން އެނބުރި އަންނާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ސިފައިން ސޫރިޔާގެ އުތުރުން ފައިބަމުންދާ މިދަނޑިވަޅުގައި ނެރުނު ރިޕޯޓެއްގައި އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނީ، ސޫރިޔާގެ އުތުރުން އެމެރިކާގެ ފައުޖުތައް ފޭބުމަކީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓިގެންދާނެކަމެއް ކަމަށާއި، މިފަދަ ޙާލަތެއްގައި އައި.އެސްގެ ހަނގުރާމަވެރިން އެ ސަރަހައްދުތަކަށް އެނބުރި އައުމަށް ނަގާނީ ހަ މަސް ދުވަހާއި ބާރަ މަސްދުވަހާ ދެމެދުގެ މުއްދަތެއް ކަމަށެވެ.

އެމެރިކާ ސިފައިން ސޫރިޔާގައި ތިބެނީ ސޫރިޔާ ސަރުކާރުގެ ހުއްދައެއް ނެތްތާ އދގެ ޤަރާރެއްވެސް ނެތި ކަމަށްވާތީ ސޫރިޔާއިންވަނީ، އެމެރިކާގެ ބާރުތަކަކީ ސޫރިޔާގެ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތްކުރާ އިސްތިޢުމާރީ ބާރުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި އެމެރިކާގެ ސިފައިން ސޫރިޔާގެ ބިންތަކުން ބޭރުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމުގެ އިންޒާރުވެސް ސޫރިޔާއިންވަނީ ދީފައެވެ. އެހެންނަމަވެސް ސޫރިޔާގެ އުތުރުން ފައުޖުތައް ބޭލުމަށް އެމެރިކާ ނިންމި މައިގަނޑު ސަބަބަކީ، ތުރުކީގެ ފިއްތުންތައްކަމަށް ރިޕޯޓްތައް ބުނެއެވެ.