ޚަބަރު

ފުވައްމުލަކުގައި އިމިގްރޭޝަނުން ދޭ ޚިދުމަތްތައް ފުޅާކުރަނީ


މޯލްޑިވްސް އިމިގްރޭޝަނުން ފުވައްމުލަކުގައި ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފުވައްމުލަކުގައި މިހާރު އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކޮށް މިހާރަށްވުރެ ގިނަ ޚދުމަތްތައް ކުރިއަށްއޮތްތަނުގައި ލިބޭނެކަމަށެވެ. އަދި ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ފުވައްމުލަކު ޕޮލިހާއި ސިޓީ ކައުންސިލް ގުޅިގެން އެރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާމެދު މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

އެގޮތުން މިއަދު ފުވައްމުލައް ސިޓީ ކައުންސިލާ، ފުލުހުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިކަންކަން ހައްލުކުރުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށާއި، ފުވައްމުލަކުގައި ގަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން މަދުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށުމަށް މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ފުވައްމުލަކު ބްރާންޗުން މިހާރުވެސް ޕާސްޕޯޓް ހެއްދުމާއި، ވިސާ ފީ ބަލައިގަތުމުގެ ޚިދުމަތް ދެމުންދެއެވެ.