ޚަބަރު

މަޖިލީހަށް ވާދަ ނުކުރުމަށް އާޒިމާ ނިންމަވައިފި


‎ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގެ ލީގަލް އެފެއަރޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމައިފިއެވެ.

‎މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ޕީޕީއެމްއިން ވަނީ ހޮޅުދޫ ދާއިރާގެ ޓިކެޓު އާޒިމާއަށް ދީފައެވެ. ނަމަވެސް ރޭ ޕީޕީއެމް އާއި ޕީއެންސީން ޢާއްމުކުރި އެ ދެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާ މެންބަރުންގެ ލިސްޓުގައި އާޒިމާގެ ނަމުގެ ބަދަލުގައި އޮތީ އެހެން ބޭފުޅެއްގެ ނަމެކެވެ.

‎ޕީޕީއެމްގެ މަޖިލިސް މެންބަރަކު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ އާޒިމާ ނަން އަނބުރާ ގެންދެވިތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށެވެ. ނަމަވެސް ނަން އަނބުރާ ގެންދެވީ ކީވެގެން ކަމެއް މެންބަރު ވިދާޅެއް ނުވެއެވެ.

‎ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ޖުމްލަ 63 ފަރާތަކަށް ވަނީ މަޖިލީހުގައި ވާދަކުރަން ޓިކެޓް ދީފަ އެވެ.