ކުޅިވަރު

ފުޓްބޯޅަ ޑިވަލަޕްމަންޓް ޕްރޮޖެކްޓްތައް ފެށުމުގެ ބޭނުމަކީ ފުޓްބޯޅައިގެ އަޙްލާގީ އާ ޖީލެއް އުފެއްދުން


ފުޓްބޯޅަ ޑިވަލަޕްމަންޓް ޕްރޮޖެކްޓުތައް ރާއްޖޭގެ 8 ސަރަޙައްދެއްގައި ފެށުމުގެ އެންމެ ބޮޑު އެއްބޭނުމަކީ އަޙްލާގީ އާ ޖީލެއް އުފެއްދުންކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން އިއްޔެވަނީ ބ.އޭދަފުށީގައި ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ޑިވަލަޕްމަންޓް އޮފިސަރާ ކޯޗުންގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިޙްސާން އަބްދުލް ޢަނީ ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން އެފްއޭއެމްއާއި މެދު ކުލަބްތަކާ ރައްޔިތުން އަދި ފުޓްބޯޅަ ކުޅުންތެރިންނަށް ގެއްލިފައި އޮތް އިތުބާރު އާވާނެކަމަށާއި، ޤައުމީ ފެންވަރުގެ ގިނަ ކުޅުންތެރިން މި ޕްރޮޖެކްޓްގެ ތެރެއިން ނެރެވޭނެކަމަށް ސާންތި ބުންޏެވެ.

ރޭ ބޭއްވި މިރަސްމިއްޔާތުގައި އޭދަފުށިން ވަނީ 5 ކޯޗުންނާ 1 ޑިވަލްޕްމަންޓް އޮފިސަރަކާއިއެކު ސޮއިކޮށްފައެވެ. ރ އަތޮޅާއި، ބ އަތޮޅު އަދި ޅ އަތޮޅުގެ ޑިވަލަޕްމަންޓް އޮފިސަރުގެ ގޮތުގައި ހަމެޖެއްސީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، މުޙައްމަދު ޒާޙިދެވެ.

މި ޕްރޮގްރާމް ފެށުމަށް ސުކޫލްތަކާއި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، މިކަން ކުރިއަށް ގެންދިޔުމަށް ބ.އަތޮޅު ކައުންސިލްގެ އިދާރާއާ ރަށު ކައުންސިލާ އޭދަފުށީ ކުޅިވަރު ކޮމެޓީ ކްލަބް އޭދަފުށިން ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް އިހުސާން ޝުކުރު އަދާކުރިއެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ޤާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފީފާއިން މިޕްރޮޖެކްޓްގެ ކަންތައްތައް ކުރިއަށްދާ ގޮތް މޮނިޓާކުރާނެ ކަމަށް ބުންޏެވެ. އޭނާ ބުނީ ރ.ބ.ޅގެ ޑިވަލަޕްމަންޓް ޕްރޮޖެކްޓް އޭދަފުށީގައި ފެށީ ވަރަށް ގިނަގޮތްތަކަށް ބަލާފައިކަމަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ތެރޭގައި އެފްއޭއެމުން އިއުލާނުކުރި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަކީ އަތޮޅުތަކުގައި ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފީފާގެ އެހީގައި ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން 8 ސަރަހައްދެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރާއިރު، މިހާތަނަށް ވަނީ ދެ ސަރަހައްދެއްގައި މަސައްކަތް ފަށައިފައެވެ.
އެއީ ލ. ފޮނަދުއާއި ބ. އޭދަފުއްޓެވެ.

އެފްއޭއެމުން ބުނީ ލަސްނުވެ އެ އޮފީސްތަކުގެ މަސައްކަތް ފެށޭނެކަމަށް. ބާކީ ނުފެށި އޮތީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، އދ.މަހިބަދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގައެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ކުރީއްސުރެ ކުރިއަށްގެންދާ ވައިޑީޕީ އާއި އެހެނިހެން ޑިވެލޮޕްމަންޓް މަސައްކަތް ވަކިން ކުރިއަށްދާނެކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.