ޚަބަރު

"ޒީރޯ ޕްލާސްޓިކް" ދުވުމުގައި 700 ކިލޯއަށްވުރެ ގިނަ ޕްލާސްޓިކް ކުނި ނަގައިފި


އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ހުޅުމާލޭގައި ބޭއްވި "ޒީރޯ ޕްލާސްޓިކް" ދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިހާއި މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަޙައްދުން ފެށި ފަސް ކިލޯމީޓަރަށް ދުވުމުގެ މި ހަރަކާތުގައި ބައިވެރިންވަނީ ދުވުމުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންލިބޭނެ ކުންޔާއި ޕްލާސްޓިކް އަދި ދަޅުފަދަ ތަކެތި ނަގާފައެވެ. އެއްހާހަށްވުރެ ގިން ބައިވެރިން ބައިވެރިވި މި ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑީޖޭ މިއުޒިކާއެކު ކުރިއަށް ގެންދިޔަ މިހަރަކާރުގައި ދުވުން ފުރިހަމަކުރި ބައިވެރިންނަށް މެޑެލް ދީފައިވެއެވެ. އަދި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ އަޒުް ކަނޑައެޅުމުގެ ގޮތުން ދުވުން ފުރިހަމަކުރި ބައިވެރިންވަނީ "ޕްލެޑްޖް ބޯޑު"ގައި އަތުގެ ނިޝަން ޖަހާފައެވެ.

މި ހަރަކާތުގައި ބައިވެވަޑައިގެން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު އަދި ބައެއް ބައިވެރިންވެސް ވަނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށްޓަށް ޢާއްމުން ހޭލުންތެރިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް ފަރުދީ ފެންވަރުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.

ގިނަ ޢަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންވެސް ބައިވެރިވި މި ދުވުމުގެ ހަރަކާތުގެ ބައިވެރިންވަނީ 742.8 ކިލޯގެ ޕްލާސްޓިކް އަދި ތިމާވެށްޓަށް ގެއްލުންދޭ ކުނި އެއްކޮށްފައެވެ. މި ހަރަކާތް އިންތިޒާމްކުރި ފަރާތުން ވަނީ އެއްކުރި ކުނިތައް ރައްކާތެރިގޮތުގައި ނައްތާލުމަށް ހަމަޖެހިފައިވާކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއިމެދު ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ބޭއްވި މި ހަރަކާތަކީ އައި.ސީ.އެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.