ޚަބަރު

ޕީޕީއެމްއާ މެދު އުފެދުނު ނުތަނަވަސްކަން ފިލައިފި - ޝަރީފް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގައި އިސްކޮށް ތިއްބެވި ފަރާތްތަކުން އިތުރު ސިޔާސީ ޕާޓީއެއް އުފައްދަން ކުރި މަސައްކަތުގެ ތެރެއިން އުފެދިގެންދިޔަ ނުތަނަވަސްކަން މިހާރު ފިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނެޝަނަލް ކޮންގްރަސް ޕީއެންސީގެ ނަމުގައި ވުޖޫދަށްގެނައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްދިންކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޕީޕީއެމްއާމެދު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބަލައިގަނެ އެއަށް ޢަމަލުކުރަން ފަށާފައިވާ ކަމަށާއި އެނިންމުމާމެދު އިތުރަށް ކިޔާނެ އެއްޗެއް ނެތް ކަމަށެވެ. އަދި އޭރު ކަންބޮޑުވުން އުފެދުނީ ޕީއެންސީ އުފެއްދުމުން ޕީޕީއެމަށް ވާނެ ގޮތަކާމެދުގައި ކަމަށާއި ނަމަވެސް މިހާރު އެހުރިހައި ނުތަނަވަސް ކަމެއް ފިލައިގެން ގޮސްފިކަމަށެވެ.

"ޕީޕީއެމްގެ މުޅި ލީޑަރޝިޕް އެކީ ޕީއެންސީއަށް ބަދަލުވާނެކަމުގެ ވާހަކަތަކެއް ފެތުރިގެންދިޔަ. އެކަމާ އީސީން ކަންބޮޑުވީ. އެއްވެސް ހާލެއްގައި ޕީޕިއެމް ނުވަތަ ޕީއެންސީ ވަކި ލީޑާޝިޕެއްގެ ދަށުން އޮތުމަށް އަޅުގަނޑުމެން ތާއީދުކޮށްފައެއް ނުވާނެ." ޝަރީފް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް ދިނުމަށްފަހު ޝަރީފް ވަނީ އެޕާޓީގެ އަސާސީ ޤަވާޢިދުގެ ތެރެއިން ކަންކަން ކުރުމަށާއި ސިޔާސީ ޙަރަކާތްތައްވެސް ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތަށް ޤާނޫނީ އިމުގެތެރެއިން ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
ޝަރީފްވަނީ ޕީއެންސީން ޕީޕީއެމްގެ މުދާ ބޭނުންކުރި މައްސަލައިގާ ފިޔަވަޅު ނާޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެހެން ނިންމީ އެމައްސަލައިގާ އެއްވެސް ފަރާތަކުން ހެކިބަސް ނުދިނުމާއި ބަޔާނެއް ވެސް ނުދިނުމުން ކަމަށާ، ޝަކުވާ ހުށަހެޅި ފަރާތްތަކުންވެސް އިތުރު މަޢުލޫމާތު ނުދިނުމުން އެއީ ސައްޙަ މައްސަލައެއް ކަމަށް ބެލެން ނެތުމުންކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

"ޕީޕަލަސް ނޭޝަނަލް ކޮންގްރެސްއާ ދޭތެރޭގައި އިލެކްޝަން ކޮމިޝަނުން ފިޔަވަޅެއް އަޅާނެ ޖާގައެއް ނެތްކަމަށް ނިންމާފައި ވަނީ،" ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވަނީ ކޮންގްރެސް ޕާޓީއާއި ޕީޕީއެމް އެއްޢިމާރާތެއްގައި ހިންގާތީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމާށާއި އެކަން އޮޅުން ނާރާނެގޮތަކަށް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމުގެ ކިބައިން އެދިލައްވާފައެވެ.
ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިއިރު ޕީޕީއެމަށްނުދީ ހިފަހައްޓާފައި ހުރި 8.4 މިލިއަން ރުފިޔާ އެޕާޓީއަށް ދޫކުރަން ނިންމާފައިވާ ކަމަށާ، އެގޮތުން ވީ އެންމެ އަވަހަކަށް އެފައިސާ ޕީޕީއެމަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕާއެކު އިތުރަށް މަޝްވަރާ ކުރަންޖެހޭ ބައެއްކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ޕީޕީއެމުން ބޭއްވި ކޮންގްރެސްއިން މަޤާމުތަކަށް އައްޔަން ކުރެއްވި ގިނަ މެމްބަރުން ކޮންގްރެސް ޕާޓީއަށް ބަދަލުވުން ކަންބޮޑުވުމެއްގެ ގޮތުގައި ޝަރީފް ސިފަ ކުރެއްވިއެވެ.