ޚަބަރު

ރައީސުލްޖުމްހޫރިއްޔާކަމަށް 5 އަހަރު ދުވަހަކީ ދިގު މުއްދަތެއް - ރައީސް


ރައީސޫލްޖުމްހޫރިއްޔާގެ މަޤާމަށް ފަސް އަހަރު ދުވަހަކީވެސް ދިގު މުއްދަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށް "ޖަޒީރާ ހޮޅުއަށި" މިނަމުގައި ޢާއްމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރު ދުވަހަށް އިތުރުކުރުމަށް ޚިޔާލުހުށައަޅާފައެވެ. އެކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ދިގު މުއްދަތެއްގައި މަޤާމުގައި ތިއްބެވުމަށްވުރެ ގިނަގިނައިން ރައްޔިތުންގެ ގާތަށް ދެވޭގޮތަށް ނިޒާމް އޮތުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެސް ފަސް އަހަރު ދުވަހުގެ މުއްދަތަކީ ދިގު މުއްދަތެއްކަމަށާއި، ރައްޔިތުންނަށް ކޮށްދޭ ޚިދުމަތާއި ގެނެސްދޭ ތަރައްޤީ ރައްޔިތުން ބަލައިގަންނަނަމަ ދެވަނަ ދައުރަކަށްވެސް އެބޭފުޅަކު ހޮއްވަވާނެކަމަށެވެ. ރައީސް ވަނީ ޤާނޫނު އަސާސީ އެކުލަވާލެއްވިއިރު ދުނިޔޭގެ އެހެން ޤައުމުތަކުގެ ޙާލަތު މަޖިލީހުން ބެއްލެވިއިރުވެސް ގިނަ ޤައުމުތަކުގައި ރައްޔިތުން އިންތިޚާބުކުރާ މަޤާމުތައް ކުރުކަމަށާއި، އިންތިޚާބުތައް ވީހާވެސް އަވަހަށް ބޭއްވުމަށް އިސްކަންދޭކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް ޚިޔާލު ހުށައެޅި ފަރާތްތަކުން އެންމެ ބޮޑަށް ފާހަގކޮށްފައިވަނީ މާލީ ގޮތުން ފުދުންތެރިބަޔަކަށް ކައުންސިލްތައް ހެދުމަށެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ވީހާވެސް ބޮޑަށް ޤާނޫނީ ބާރުތައް ދިނުމަކުން ނުފުދޭކަމަށެވެ. ޤާނޫނީ ބާރުވެރިކަމާއެކު މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީކުރަންޖެހޭކަމަށާއި، އެކަން މިސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ކައުންސިލްތަކަށް ލިބޭ ބާރުތަކާއެކު ޒިންމާތަކެއްވެސް އޮންނާނެ. ބާރުތައް މި ނިޒާމުން ދޭއިރު ޒިންމާ އުފުލާ ޒިންމާދާރުކަމާއެކު މަސައްކަތްކުރަންޖެހޭނެ. މާލީ ގޮތުން ލާމަރުކަޒީކުރާއިރު ރައްޔިތުން ދައުލަތަށް ދައްކާ ފައިސާ ބޭޏުންކުރަންޖެހޭނީ ޒިންމާދާރުކަމާއެކު." ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށް ޚިޔާލު ހޯދުމަށް ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި.