އެމް.އެމް.ޕީ.އާރު.ސީއިން ބާއްވަމުން ދިވެހި އާހިތަ މުބާރާތް ނުވަތަ އެޑްވެންޗާރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ނަން ބަދަލުކޮށް، ރީބްރޭންޑް ކުރުމަށް ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުދެއްވަމުން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުރީ އަހަރާއި އަޅާބަލާއިރު މިއަހަރު އެމް.އެމް.ޕީ.އާރް.ސީގެ އެޑްވެންޗަރ އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތަށް ލިބުނު ތަރުޙީބު ވަރަށް ކުޑަކަމަށެވެ. އެހެންކަމުން ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުޤުވެރިކަން ބޮޑުކޮށް ރާއްޖޭގައި މިކަން ކުރިއެރުވުމަށްޓަކައި މި މުބާރާތުގެ ނަން ބަދަލުކުރުމުގެ ވިސްނުން އެމްއެމްޕީއާރުސީން ގެންގުޅޭކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެ ތިންވަނަ އެޑިޝަން ވެސް ކުރިއަށްގެންދާނަން. އެހެންނަމަވެސް ޓައިޓަލްއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހިދާނެ. އެއީ މިފަހަރު ބައިވެރިވި ކުދިން މަދު އެހެން އަހަރުތަކާއި ބަލާއިރު. އެހެންނަމަވެސް ވަރަށް ގިނަ ޒުވާނުންގެ ކިބައިގައި މި ޓެލެންޓު އެބަހުރި. އެކުދިންނާއި ހަމައަށް މި މުބާރާތުގެ އިތުރު މަޢުލުމާތު ފޯރުވައި މި މުބާރާތް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެމްއެމްޕީއާރްސީއިން އެބަ ގެންގުޅޭ. ރާއްޖޭގެ ރީތިކަން ބޭރު ދުނިޔޭގައި ދެއްކޭ ފެންވަރުގެ އެއްޗިހި ބަލާފައި އަޅުގަނޑުމެން ހުޅުވާލާނީ." ތޮއްޔިބު ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީން ބާއްވަމުން އަންނަ އެޑްވެންޗަރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބަރާތެކެވެ.