ވިޔަފާރި

ޓީޓީއެމް ފެއަރގައި ރާއްޖެއިން އެކަނިވެސް 100 ފަރާތަކުން ބައިވެރިވެއްޖެ


ރިސޯޓް އަދި ހޮޓެލް ހިމެނޭހެން ޖުމްލަ 100 ފަރާތަކުން ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ބައިވެރިވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކުރާ ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިގެންދިޔަ ޖެނުއަރީމަހުގެ ނިޔަލަށެވެ.

ޓީޓީއެމް ފެއާގައި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ބައްދަލުކުރުމަށް ރެޖިސްޓްރީކުރި ފަރާތްތަކަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން ވަނީ ބުނެފައެވެ. އެގޮތުން ' ކަނެކްޓް' ސޮފްޓްވެއަރ މެދުވެރިކޮށް މީޓިންތައް އިންތިޒާމްވެގެން ދިއުމާއި، ރަޖިސްޓްރީވާ ފަރާތްތަކަށް ޓީޓީއެމްގެ ގާލާ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މޯލްޑިވްސް ގެޓަވޭސް އިން ބުނީ މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް އަމާޒުހިފާފައިވާ ކަމަށެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ އޮންނާނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ.
ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.