ޚަބަރު

ރިވައިވް ފިޓްނަސްއިން އަންހެނުންނަށް ޚާއްސަ ޖިމެއް ހުޅުވައިފި


ރިވައިވް ފިޓްނަސްގެ ނަމުގައި މާލޭގައި އަންހެނުންނަށް ޚާއްސަކޮށްގެން ޖިމެއް ހުޅުވައިފިއެވެ.

މި ޖިމް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ޖިމް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ ނަހުލާ ވަނީ ޖިމުގައި ލިބެންހުރި ޚިދުމަތްތައް ބައްލަވާލައްވާފައެވެ. ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރިވައިވްގެ ފަރާތުން ވަނީ މިނިސްޓަރ ނަހުލާއަށް އެއް އަހަރު ދުވަހުގެ މެމްބަރޝިޕް ކާޑެއް އެރުވިއެވެ.

ރިވައިވް ފިޓްނަސްއިން މީގެ ކުރިން ވަނީ އަންހެނުންނަށް ޚާއްސަކޮށްގެން ކަސްރަތުކުރުމަށް ޚާއްސަ ކްލާސްތަކެއް ނަގާދީފައެވެ. އެހެންނަމަވެސް މި ވިޔަފާރި ފުޅާކޮށް ޖިމަކާއެކު ކުރިއަށްއޮތް ތަނުގައި ރިވައިވްއިން ހުރިހާ ޚިދުމަތެއް ލިބިގެންދާނެކަމަށް ރިވައިވް ފިޓްނަސް ސެންޓަރުން ބުނެއެވެ.

ރިވައިވް ފިޓްނެސްގެ މާކެޓިންގ މެނޭޖަރ ޒައިނަބް މަންސޫރު ވިދާޅުވީ އެސެންޓަރުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުތަކަށް ވެސް ގިނަ އަންހެން ބޭފުޅުންގެ ތަރުޙީބު ލިބުނުކަމަށެވެ. އެހެންކަމުން އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ޖިމެއް ހުޅުވުމަކީ އަންހެން ބޭފުޅުންނަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންނަށް ހުޅުވާލައިގެން ރިވައިވްއިން ތަޢާރަފްކޮށްފައިވާ މި ޖިމަކީ އެއް ތަނަކުން ގިނަ ޚިދުމަތް ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ޖިމެކެވެ. އެގޮތުން ކަސްރަތުކުރުމަށްފަހު ފެންވަރާލެވޭގޮތަށް މިތަން ހަދާފައިވާއިރު ކަސްރަތުކުރުމަށް ބޭނުންވާ އަންނައުނާއި ސިއްހަތަށް ފައިދާހުރި އެކި ލުއި ބުއިންތައް މިތަނުން ގަންނަން ލިބޭނެކަމަށް ރިވައިވްއިން ބުނެއެވެ.