ޚަބަރު

ޢަރަބިއްޔާގެ ތީޗަރުންގެ މައްސަލަ މަސްދުވަސްތެރޭގައި ހައްލުވާނެ - އެޑިއުކޭޝަން މިނިސްޓްރީ

ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މުދައްރިސުން ހަމަނުވުމުގެ މައްސަލައަށް ކުރިއަށް އޮތް މަހެއްހައި ދުވަސްތެރޭގައި ހައްލެއް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދަޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް ނަޝީދު ވިދާޅުވީ ޢަރަބިއްޔާ ސްކޫލަށް މުދައްރިސުން ހަމަކުރުމުގައި މިއަހރު ދިމާވެފައިވާ މައްސަލައަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މުދައްރިސުންގެ ސިލެކްޝަން ލިސްޓް ތައްޔާރުކުރުމުގައި މިއަހަރު ލަސްވުމުން ދިމާވި މައްސަލައެއްކަމަށެވެ. އަދި އެޔުނިވަރސިޓީން މިއަހަރު ފޮނުވި މުދައްރިސުންގެ ލިސުޓަށް ޢަރަބިއްޔާ ސްކޫލުން ބަދަލުތަކެއް ގެނައުމަކީވެސް މިމައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ޢަރަބިއްޔާ ސްކޫލުން އަޒްހަރު ޔުނިވަރސިޓީއާ ވާހަކަދައްކައިގެން މުދައްރިސުން ރާއްޖެގަނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިއަހަރު އެޔުނިވަރސިޓީން ރާއްޖެއަށް 22 މުދައްރިސުން ފޮނުވުމަށް ހަމަޖެހިފައިވާކަމަށާ ނަމަވެސް މިހާރު ރާއްޖޭގައި ތިބީ 4 މުދައްރިސުންކަމަށެވެ. އަދި ބަކީ 18 މުދައްރިސުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފޮނުވާނެކަމަށް އަޒްހަރު ޔުނިވަރސިޓީން ބުނެފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ނަމަވެސް މަސްދުވަސްތެރޭގައި ވަގުތީ ގޮތުން އިސްލާމިކް ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީގެ ޢަރބި ސްޕެޝަލައިޒްޑް މުދައްރިސުން ބޭނުންކުރަމުން މިދަނީ. މިކަމުގައި އަބަދުވެސް މަސައްކަތް ކުރަނީ އަރަބިއްޔާ ސްކޫލްއާއި އަޒްހަރު ޔުނިވަރސިޓީ ވާހަކަދައްކައިގެން އެޑިއުކޭޝަން މިނިސްޓްރީން ކޮށްދޭކަމަކީ އެމީހުންގެ ވޯރކް ވިސާއާއި ވޯރކް ޕާމިޓް ހަމަޖައްސައިދިނުން ފަދަ ކަންކަން. " އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް ނަޝީދު ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދެމުންދަނީ އެޑިއުކެޝަން މިނިސްޓްރީގެ މުޤައްރަރަކަށް ނޫންކަމަށާއި އެސްކޫލްގައި ކިޔަވައިދޭނީ މިޞްރުގެ އަލްއަޒްހަރު ޔނިވަރސިޓީން ކަނޑައަޅާފައި އޮންނަ މުޤައްރަރަކަށްކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއެވެ. ފެށުނީއްސުރެ ދިވެހި ސަރުކާރާއި މިޞްރުގެ ސަރުކާރާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން އަޒްހަރު ޔުނިވަރސިޓީން މުދައްރިސުން ފޯރުކޮށްދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޢަރބިއްޔާ ސްކޫލަށް މުދައްރިސުން ފޯރުކޯށްދެނީ އަޒްހަރު ޔުނިވަރސިޓީން ވޮލެންޓިއަރ ކޮށްގެންކަމަށާއި މުދައްރިސުންނަށް މުސާރަވެސް ދެއްވަނީ އެ ޔުނިވަރސިޓީންކަމަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރުވެސް ޢަރަބިއްޔާ ސްކޫލްއަށް މުދައްރިސުން ހަމަނުވުމުގެ ސަބަބުން އެސްކޫލްގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދޭނެ މުދައްރިސުން ނެތިގެން އެސްކޫލްގެ ބެލެނިވެރިން މިއަދުވެސްވަނީ މުޒާހަރާ ކޮށްފައެވެ.