ޚަބަރު

ހުދައިދާއިން ހޫޘީ ހަނގުރާމަވެރިން ބޭލުމަށް ބާރުގެ ބޭނުންކުރަން ތައްޔާރުކަމަށް ޔޫ.އޭ.އީ އިން ބުނުން


ޔަމަނުގެ ހުދައިދާގައި ތިބި އިދިކޮޅު ހޫޘީ ޖަމާޢަތުގެ ހަނގުރާމަވެރިން އެރަށުން ބޭލުމަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ސަރަހައްދީ އިއްތިހާދުން ތައްޔާރަށް އޮތްކަމަށް ޔޫ.އޭ.އީއިން ބުނެފިއެވެ.

ހޫޘީ ޖަމާޢަތުން ކޮންޓްރޯލްކުރަމުންދާ ހުދައިދާގައި ހަމަލާ ބަދަލުކޮށް އެ ރަށުގައި ތިބި ހަނގުރާމަވެރިން ބޭލުމަށް ޔަމަނުގެ ސަރުކާރާއި އިދިކޮޅު ހުޘީ ޖަމާޢަތުން އެއްބަސްވެފައިވަނީ ހުސްވި މަހު ސްވިޑަންގައި އދން އިސްނަގައިގެން ބޭއްވި މަޝްވަރާތަކުގައެވެ.

އެހެންނަމަވެސް މި ދެ ފަރާތުން މިހާތަނަށް ވަނީ މި ރަށުގައި ތިބި ހަނގުރާމަވެރިން ބޭލުމަށް ނުކުޅެދިފައެވެ. މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ޔޫ.އޭ.އީގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަންވަރް ގަރްގާޝް ވިދާޅުވީ، ސައުދީ ޢަރަބިއްޔާއިން އިސްނަގައިގެން ޔަމަނުގައި ހަނގުރާމަކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ އިއްތިހާދުން އޮތީ އދން އިސްނަގައިގެން ޤާއިމުކުރި އެއްބަސްވުމަށް ޢަމަލުކުރުމަށް ހޫޘީ ޖަމާޢަތަށް މަޖުބޫރުކުރުވުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރުމަށް ތައްޔާރަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރަހައްދީ އިއްތިހާދުން ބުދަ ދުވަހު ވަނީ ހުދައިދާގެ ބޭރުގައި އޮންނަ ހޫޘީ ޖަމާޢަތުގެ ތަމްރީންދޭ ދިހަ ކޭމްޕަކަށް ހަމަލާ ދީފައިކަމަށެވެ. ގަރްގާޝް ވިދާޅުވީ، ޔަމަނުގައި ދޭ ހަމަލާތައް ހުއްޓުވާ އެގައުމުގެ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމަށް ބޭނުންވާނަމަ ބައިނަލްއަޤުވާމީ ދުނިޔެއިން ހޫޘީ ޖަމާޢަތަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވަން ޖެހޭކަމަށެވެ.

މި ގޮތުން، އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދިނުން ހުއްޓާލާ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންސާނީ އެހީގެ ޤާފިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހުދައިދާ ދޫކޮށް ދިއުމަށް ހޫޘީންނަށް ފިއްތުންތައް ކުރިމަތިކުރަން ޖެހޭކަމަށް ޔޫ.އޭ.އީގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.