ޚަބަރު

ތައިލެންޑާއި ބަންގްލަދޭޝްގައި ވޯޓު ފޮށި ބަހައްޓަނީ


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތައިލެންޑާއި ބަންގްލަދޭޝްގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓި ޤައުމުތަކުގެ އިތުރުން މަޖިލިސް އިންތިޚާބުގައި ތައިލެންޑާއި ބަންގްލަދޭޝްގައި ވެސް ވޯޓު ފޮށި ބަހައްޓަން ނިންމައި އެ ދެ ޤައުމުގައި ރީރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާގައެވެ.

އީސީން ބުނީ ރާއްޖެއިން ބޭރުގެ ޤައުމުތަކުގެތެރެއިން ވޯޓް ފޮށިތައް ބަހައްޓާނީ 100 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީރަޖިސްޓްރީވާ ޤައުމުތަކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ފައްސަތޭކަ އަށްޑިހަ ނުވަ މީހަކަށެވެ. އެއާއެކު ވޯޓުލެވޭ މީހުންގެ ލިސްޓު ޢާއްމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް އީސީން ވަނީ ހުޅުވާލާފައެވެ.