ޚަބަރު

ސައުދީ ޢަރަބިޔާއިން ހިންގި އެންޓި ކޮރަޕްޝަން ކެމްޕެއިން ނިންމާލައިފި


ސައުދީ ޢަރަބިއްޔާގެ ސަރުކާރުގެ ވަޒީރުންނާއި އެ ޤައުމުގެ ޝާޙީ ޢާއިލާގެ މެމްބަރުންގެ އިތުރުން ސައުދީގެ ފުންނާބުއުސް ވިޔަފާރިވެރިންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގި އެންޓިކޮރަޕްޝަން ކެމްޕޭން ނިންމާލައިފިއެވެ.

ސައުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޢަމުރަށް ފެށި މި ކޭމްޕޭން، ފަނަރަ މަސްދުވަހަށް ކުރިއަށްގެންދިޔައިރު ސައުދީ ސަރުކާރުން ބުނެފައިވަނީ މި ކޭމްޕޭންގެ ތެރޭގައި އެ ޤައުމުގެ އިސް ފަރާތްތަކުން ހިންގާފައިވާ އެކި ކޮރަޕްޝަންގެ ޢަމަލުތަކުން ގެއްލުވާލާފައިވާ ފައިސާގެ ބަދަލުގައި ސަތޭކަ ފަސްދޮޅަސް ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށެވެ.

ސައުދީގެ ޝާޙީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެގައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށި މި ކެމްޕޭންގެ ދަށުން ސައުދީ ސަރުކާރުން ވަނީ ތިން ސަތޭކަ އަށްޑިހަ އެއް މީހަކާ ސުވާލުކޮށްފައިކަމަށެވެ. ސުވާލުކުރި މީހުންގެ ތެރެއިން އަށްޑިހަ ހަތް މީހުން ވަނީ އެ މީހުންނާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް އިއުތިރާފުވެ ދައުލަތާއެކު ސިއްރު އެއްބަސްވުންތައް ހަދާފައި ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި އެއްބަސްވުންތަކުގެ ދަށުން އެފަދަ ފަރާތްތަކުން ވަނީ އެ މީހުންގެ މުދަލާ ރައުސްމާލުތައް ސަރުކާރާ ހަވާލުކުރުމަށް ނިންމާފައި ކަމަށްވެސް ސައުދީގެ ޝާހީ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މި ފަރާތްތަކުގެ އިތުރުން ސުވާލުކުރި ބައެއް މީހުންނާ ދެކޮޅަށް ޖިނާއީ ކުށުގެ ދަޢުވާ ކޮށްފައިވާތީ އެފަދަ ފަންސާސް ހަ ފަރާތަކާ އެކު އެއްބަސްވުންތައް ޤާއިމުކުރުމަށް ސައުދީގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދެކޮޅުހަދާފައި ކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.