ވިޔަފާރި

ތުރުކީގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ތުރުކީގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރ، އީސްޓް މެޑިޓްރޭނިއަން އިންޓަރނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް، އީ.އެމް.އައި.ޓީ.ޓީ އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަޕަރޭޝަނާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ 8 ކުންފުންޏަކުން މި ފެއަރގައި ވަނީ ބައިވެރިވެފައެވެ.

ތުރުކީގެ އިސްޓަންބޫލްގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގެ ރާއްޖޭގެ ސްޓޭންޑުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފޮޓޯތައް ފެންނަން ހުރެއެވެ.

މިއަހަރުގެ އީ.އެމް.އައި.ޓީ.ޓީ ފެއަރގައި 85 ޤައުމަކުން އެއްހާސް ފަސްދޮޅަސް ފަސް އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މި ފެއަރއަށް ފަންސާސް ފަސްހާސް މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެއަރ އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.

މިއަހަރުތެރޭ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ތިންގުނައަށް އިތުރުކުރަން ސަރުކާރުން ނިންމަވާފައިވާ އިރު، އެމްއެމްޕީއާރުސީން ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށްވެސް އެ ކޯރޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެއެވެ.