ކުޅިވަރު

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ބާސެލޯނާ ދަތުރުކޮށްފި


ފިލިފް ކުޓީނިއޯގެ ދެ ގޯލާއެކު 6-1އިން ސެވިއްޔާ ބަލިކޮށް ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމު ސެމީ އަށް މިދިޔައީ މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗު 2-0އިން ސެވިއްޔާ ކާމިޔާބުކޮށްފައިވަނިކޮށެވެ. ނަމަވެސް ބާސެލޯނާއިން ރޭ ނަތީޖާ ބަދަލުކޮށްލީ އަމިއްލަ ދަނޑުގައި ކުޅެގެން، ހަޔެއް ތިނެއްގެ އެގްރިގޭޓުންނެވެ.

ފަހަކަށް އައިސް ފޯމު ކަޓާފައި ހުރި ކުޓީނިއޯ ދެ ގޯލު ޖެހިއިރު އަނެއް ގޯލުތައް ޖެހީ ކެޕްޓަން ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އިވާން ރަކިޓިކް އާއި ސާޖިއޯ ރޮބާޓޯއެވެ.

ކޮޕާ ޑެލްރޭ މުބާރާތް ކާމިޔާބު ކުރުމަށް ބާސެލޯނާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ޓީމަކީ ރެއާލް މެޑްރިޑެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެޗަށް ނިކުތްއިރު ދެ ގޯލްގެ ތަފާތުން މޮޅުވާންޖެހޭތީ ޓީމް އޮތީ ޕްރެޝަރުގައިކަމަށެވެ. އެކަމަކު ކުޅުންތެރިންނަށް އިތުބާރުއޮތްކަމަށާއި، ޓީމްގެ ކޮލިޓީ މި މެޗުން ފެނުނުކަމަށް އޭނާ ބުންޏެވެ. ވަލްވާޑޭ ބުނީ މި މެޗުގައި ދެ ގޯލް ޖެހި ކުޓީނިއޯގެ ކުޅުން ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށެވެ.