ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯގައިވާ ކަންކަން ދިވެހި ރައްޔިތުންނަށް ޙަޤީޤަތަކަށް ހަދައި ދިނުމަށް ބައިނަލްއަޤްވާމީ ދުނިޔެ އޮތީ ތައްޔާރަށް ކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޔުނައިޓެބް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ ރާއްޖެ ވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސް އަހަރުގެ އެކަހެރި ކަމަކަށްފަހު ދުނިޔެއިން މިއަދު ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
ދިހަ ދުވަހުގެ މި ދަތުރުގައި މިނިސްޓަރ ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ޔޫއޭއީއަށް ވަޑައިގެން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ތަންފީޒުކުރުމަށް އެޤައުމުގެ އެހީއާއި އެއްބާރުލުން ހޯއްދެވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ ބައްދަލުކުރައްވައި އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު އޮބްޒާރވް ކުރުމަށް ވަނީ ދަޢުވަތު ދެއްވާފައެވެ.