ޚަބަރު

މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވާނެ - މާރިޔާ


އިންޑިއާ ދަތުރަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުގައި ސިއްރު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްވައިފިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުފޫޒު ފޯރާނެ ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށް ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ މި ދަތުރަކީ ހަމަ އޮފިޝަލް ލެވަލެއްގައި ކުރި ދަތުރެއް. ދެން އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވިން އަދި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެކުވެސް ބައްދަލުކުރިން. އެހެންނަމަވެސް އެ ދަންނަވާ ފަދަ އެއްވެސް ކަހަލަ ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކޮށް ނުވަތަ ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ ފަދަ އެއްވެސް ވާހަކަތަކެއް އަޅުގަނޑުމެން ނުދައްކަމު،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެއް ހަފްތާގެ މުއްދަތަށް އެކަމަނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވެފައި ވަނީ ރާއްޖެއަށް އެހީތެރިވުމުގައި އިންޑިއާ އަބަދުވެސް ތައްޔާރަށް އޮންނައިރު، ދިވެހިސަރުކާރުން އެހެން ޤައުމެއްގެ އަސްކަރީި އެހީތެރިކަން ހޯދަންޖެހޭ ސަބަބެއް ނެތްކަމަށެވެ.