ޚަބަރު

ﷲގެ އިސްމަފުޅު ތާނައިން ނުލިޔުމަށް އިލްތިމާސްކޮށްފި


ނޫސް މަޖައްލާ އަދި މީސްމީޑިއާގެ އެކި ވަޞީލަތްތަކުގައި ﷲގެ އިސްމަފުޅު ތާނަ އަކުރުން ނުލިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތާނައަކުރުން ﷲގެ އިސްމަފުޅު ލިޔުމަކީ އެކި ޒަމާންތަކުގައި ދިވެހިންގެ ތެރެއިން ދީނީ ޢިލްމުވެރިންނާއި، އަދި ސަރުކާރުތަކުން ވެސް މަނާ ކުރަމުން އަންނަ ކަމެއްކަމަށެވެ.

ﷲގެ އިސްމަފުޅު ލިޔަންވާނީ ޢަރަބި ފޮންޓަކުންކަމަށާއި ކީރިތި ޤުރުއާންގެ އާޔަތްތަކުގެ ނައްޞުތަކާއި އަދި ކީރިތި ރަސޫލާ ގެ ޙަދީޘް ފުޅުތަކުގެ ނައްޞުތައްވެސް ލިޔަންވާނީ ވާރިދުވެފައިވާ ގޮތަށް ޢަރަބި އަކުރުންކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިނގިރޭސީ ބަހުން ﷲ ނުވަތަ އެ ނޫން ބަސްބަހުން ﷲގެ އިސްމުފުޅު ލިޔެފައި އޮތުމަކީ، ނުވަތަ އެވޭލާ ބައެއް ލިޔުންތަކުގައި ތާނައިން ﷲގެ އިސްމުފުޅު ލިޔެފައި އޮތުމަކީ، ތާނައިން ﷲގެ އިސްމުފުޅު ލިޔުމަށް ލިބޭ ޙުއްޖަތެއްކަމުގައި ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިންސްޓްރީގެ ނޫސްބަޔާނުގައި ވަނީ ﷲގެ އިސްމުފުޅު ތާނައިން ލިޔުމަކީ، ނުބައި ގޮތްގޮތަށް އެ އިސްމުފުޅު ލިޔެ، އަދި ކިޔަން ނުވާ ގޮތް ގޮތައް ކިޔައި، ﷲގެ އިސްމުފުޅަށް ކުރަންޖެހޭ އިޙްތިރާމް ކުޑަވެ، ނުވަތަ އެކަމަށް މަގުފަހި ވެދާނެ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި ޝަރުޢީ ޤާޢިދާގެ ދަށުންނާއި، މިކަމަކީ އިސްލާމްދީނަށް އިޙްތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫންކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެކި ދީންތަކުގެ މައްޗަށް އެކުލެވިގެންވާ މުޖްތަމަޢުތަކުގެ ބަސްމަގާއި ބަހުރުވައާއި އާދަކާދަތައް ތަފާތުވާނެކަން ފާހަގަކޮށް މި ނޫސްބަޔާނުގައި ވަނީ ރާއްޖެއަކީ ޅަފަތުގައި ދިވެހި ދަރިންނަށް "އަބްޖަދުގެ" އަކުރުތައް އުނގަންނައިދީ، ކީރިތި ޤުރުއާން ލިޔަން ކިޔަން ދަސްކޮށްދޭ، ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާތީ، ދިވެހިންގެ ތެރޭގައި ﷲގެ އިސްމުފުޅު ލިޔަން ކިޔަން ނުދަންނަ މީހަކު އުޅޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ބުނެފައެވެ.