ޚަބަރު

އަފްޣާނިސްތާނުގެ ސުލްޙައިގެ މަޝްވަރާތައް: ޠާލިބާނުންގެ ފަރާތުން އީޖާބީ ތަޞައްވަރެއް


ބައިނަލްއަޤުވާމީ ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ބިމުން ޖާގަ ނުދިނުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގައި، ޠާލިބާނުންގެ ވިސްނުންހުރީ އީޖާބީ ގޮތަކަށް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ގަތަރުގައި ކުރިޔަށްގެންދިޔަ އަފްޣާނިސްތާނުގެ ސުލްޙައިގެ ބައްދަލުވުމާ ބެހޭގޮތުން އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަލްމާއި ޚަލީލްޒާދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ބިމުން ޖާގަނުދިނުމާއި، އަފްޣާނިސްތާނުގައި ފައިހަރުކުރަން އުޅޭ އެފަދަ ޖަމާއަތްތަކާ ދެކޮޅަށް ހަރަކާތްތެރިވާނެ ގޮތްތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

އަފްޣާން ބިމުން ޓެރަރިސްޓް ޖަމާއަތްތަކަށް ޖާގަނުދިނުމަކީ އަފްޣާން ސުލްޙައިގެ ވާހަކަތައް ބިނާކުރި އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް.
މިއަސާސަށް ޠާލިބާނުންގެ ތާއީދުވެސް އޮތްކަމާއި މިއީ ޤަތަރުގައި ކުރިޔަށްދިޔަ އަފްޣާނިސްތާނުގެ ސުލްޙައިގެ މަޝްވަރާތަކުން ފެނިގެންދިޔަ އީޖާބީ ކަމެއްކަން ޚަލީލްޒާދް ވަނީ ފާހަގަކުރައްވާފައެވެ. އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލުގެ ތެރޭގައި އައި.އެސް ޖަމާޢަތުގެ ފިކުރު އެ ޤައުމުގައި ފެތުރި، އައިއެސްގެ ގޮތްޕެއް އަފްޣާނިސްތާނުގައި އުފެދި، އެ ގޮފި ބޮޑުވެ ފުޅާވަމުންދިޔުން ހިމެނެއެވެ. އެއީ ޚުދު ޠާލިބާނުންނަށްވެސް ހުރި ނުރައްކަލެއް ކަމަށާއި، އެއީ އަފްޣާނިސްތާނުން ޠާލިބާނުންގެ ބާރު ކެނޑިގެންހިނގައިދާނެ ފަދަ ކަމެއްކަމަށް އެ ޖަމާޢަތުން ދެކެއެވެ.

ޠާލިބާނުންނާއި އަފްޣާނިސްތާނުގެ އައި.އެސް ގޮފީގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަމުންގެންދެއެވެ. ހޯމަދުވަހު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ވަނީ އޭނާގެ ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް އަވަހަށް ފެށުމަށް ޠާލިބާން ލީޑަރުންނަށް ގޮވާލައްވާފައެވެ. އަފްޣާން ޤައުމީ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ޢަބްދުލްޣަނީ ވިދާޅުވެފައިވަނީ، އަފްޣާނިސްތާނުން ބޭރުގެ ބާރުތައް ބޭރުކުރެވޭނީ އެންމެ ފުރަތަމަ އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ މެދުގައިވާ ދުޝްމިންކަން ނައްތާލައި، ދެފަރާތުގެ ދެމެދު ސުލްހަ ޤާއިމުކޮށްގެން ކަމަށެވެ.

ޠާލިބާނުންނަކީ އަފްޣާނިސްތާނުގެ ސަރުކާރާ ވާހަކަދެއްކުމަށް މިހާތަނަށް ދެކޮޅު ހެދި ބައެއްކަމުގައިވާނަމަވެސް، ޤަތަރުގައި އެންމެފަހުން ބޭއްވި ސުލްޙައިގެ ވާހަކަތަކުގައި ޠާލިބާނުންވަނީ އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށް، އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. މިކަންވަނީ އެމެރިކާވެސް އަދި ޠާލިބާނުންވެސް ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި އަސީރުން މިނިވަންކުރުމަށްވެސް އެމެރިކާ އާއި ޠާލިބާނުންވަނީ އެއްބަސްވެފައެވެ.

ރައީސް ޢަބްދުލްޣަނީ ޠާލިބާނުންނާ މުޚާތަބުކުރައްވައި ވިދާޅުވެފައިވަނީ، ޤައުމުގައި ދިގުމުއްދަތަކަށް ބޭރުގެ ސިފައން ބޭތިއްބުމަކީ އަފްޣާނިސްތާނުގެ އެއްވެސް ރައްޔިތަކު ރުހޭނޭ ކަމެއް ނޫންކަމަށާއި، ބޭރުގެ ބާރުތައް އަފްޣާނިސްތާނުގައި ތިބެންޖެހުނީ އަފްޣާނިސްތާނުގެ ދާޚިލީ އަރާރުންތައް ބޮޑުވެ، ޤައުމުގެ މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ދިޔުމުންކަމަށެވެ. އެކަން ނިމުކަކަށް ގެނައުމަށްޓަކައި އަފްޣާނިސްތާނުގެ ސަރުކާރާ ވާހަކަދައްކައިގެން ދެފަރާތުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އޭނާ ވަނީ ޠާލިބާނުންނަށް ގޮވާލައްވާފައެވެ. އަދި މިފަދަ އެއްބަސްވުމެއް ޤާއިމުކޮށްފިނަމަ ބޭރުގެ ބާރުތައް އަފްޣާނިސްތާނުގައި ނުތިބޭނެކަމަށްވެސް ރައީސް އަޝްރަފް ޢަބްދުލްޣަނީ ވިދާޅުވިއެވެ.