ޚަބަރު

ބަލުޗިސްތާނުގައި ދިން ހަމަލާއެއްގައި 10 މީހުން މަރުވެ 21 މީހުން ޒަޚަމުވެއްޖެ


ޕާކިސްތާނުގެ ބަލުޗިސްތާންގައި ދިން ޓެރަރިސްޓް ޙަމަލާތަކެއްގައި ދިހަ މީހުން މަރުވެ، އެކާވީސް މީހުން ޒަޚަމުވެއްޖެއެވެ. ބޮމާއި ބަޑިން ހަމަލާދިނީ އެ ޕްރޮވިންސުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ކަމަށާއި، އެ ހަމަލާތަކުގައި މަރުވި ދިހަ މީހުންގެ ތެރެއިން ނުވަ މީހުންނަކީ ފުލުހުންކަމަށް، ޕާކިސްތާނުގެ އަމަނާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

އީރާނާ އިންވެގެން އޮންނަ ޕާކިސްތާނުގެ ބަލުޗިސްތާނަކީ ދީނުގެ ނަމުގައި ހައްދު ފަހަނަޅާފައިވާ ފިކުރު ގެންގުޅޭ ތަކްފިރީ ޖަމާއަތްތައް ގިނަ ސަރަހައްދެކެވެ. އެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވޭ. އެ މަރުކަޒަށް ހަމަލާދިންއިރު ފުލުހުންގެ ޚިދުމަތަށް ވަންނުމަށް އެދި ހުށަހަޅާފައިވާ އެތައް ސަތޭކަ ބަޔަކު އެ މަރުކަޒުގެ މާލަމެއްގައި އިމްތިހާން ހަދަން ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާދިން މަރުކަޒު ހުންނަނީ ބަލުޗިސްތާނުގެ ވެރިރަށް ކުއެޓާގެ ދެކުނުންސަތޭކަ ފަންސާސް ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ލޮރަލާއި ސަރަހައްދުގައެވެ. މި ހަމަލާތަކަށްފަހު ޕާކިސްތާނުގެ ފުލުހުންނާއި ހަމަލާދިން ފަރާތްތަކާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ހަމަލާދިން އެންމެން މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަމަނާބެހޭ އިދާރާތަކުން ބުނެއެވެ.