ޚަބަރު

"ދި މެސެޖް" ސިލްސިލާ ދަރުސްތަކުގެ 2ވަނަ ދަރުސް ބާއްވައިފި


އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ފިލްމެއް އުފެއްދި ނެދަލެންޑްސްގެ ރައްޔިތެއެްކަމަށްވާ އަރްނޫދު ވަން ދޫނު އޭނާއަށް އިސްލާމްދީނުގެ ހިދާޔަތް ލިބިގެންދިޔަގޮތުގެ ވާހަކަ އަމިއްލަ ދުލުން ދިވެހިންނަށް ކިޔައިދެއްވައިފިއެވެ."ދި މެސެޖްގެ" ނަމުގައި އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ސިލްސިލާ ދަރުސްތަކުގެ ދެވަނަ ދަރުސްގައި މާލޭގެ އިރުއުތުރުފަރާތު އަލިމަސް ކާނިވާ ސަރަހައްދަށް އޭނާގެ ވާހަކަ އަޑުއަހަންއެއްވި އެތައްހާސް ބަޔަކާއި މުޚާތަބުކުރައްވާ އޭނާ ވިދާޅުވީ މުސްލިމުންގެ ނަބިއްޔާއަށް ފުރައްސާރަ ކުރުމަށް އުފެއްދި ފިތުނައަށްފަހު އިސްލާމީ އުއްމަތް އެކަމާއި އަމަލުކުރިގޮތް ފެނިފައި އިސްލާމްދީނާއިމެދު އޭނާއަށް އެގިފައިވާ އެއްޗެއް އިތުރަށް އޮޅުންފިލުވަން އޭނާގެ ހިތް ބާރުއަޅަންފެށީކަމަށެވެ.މުސްލިމުންނަކީ ނުރައްކާތެރި ޓެރަރިސްޓް އަދި ޖާހިލް ބައެއްކަމުގެ ތަސައްވުރު އޭނާއަށް ލިބިފައިވަނީ ނެދަލެންޑްގެ ސިޔާސީ މީހުންނާއި ނޫސްތަކުން އިސްލާމްދީނާއިމެދު ފަތުރާފައިވާ ވާހަކަތަކުން ކަމަށާއި ފިލްމަށްފަހު އޭނާގެ ހިތުގައި އުފެދުނު ޝައްކުތައް ފިލުވުމަށް ކުރި މަސައްކަތުން އޭނާއަށް ހާމަވެގެންދިޔަ ކަންތައްތަކުން އިސްލާމްދީނަށް ވެންނެވުމަށް އޭނާ ނިންމެވި ނިންމެވުމަކީ މުޅި ހަޔާތުގައިވެސް އޭނާ ނިންމެވި އެންމެ ފުރިހަމަ ނިންމެވުންކަމުގެ އިހްސާސްކުރެއްވޭކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރެވުނު ކަންތައްތަކާއިމެދު ދެރަވެ، ލަދުގަނެ، ހިތާމަކުރައްވާކަމަށާއި އެކަމަކު އޭނާއަށް ތެދުމަގު ލިބިގެންދިޔަ ވަސީލަތަކަށް އެކަންވެފައިވާކަމަށްވެސް ވިދާޅުވިއެވެ.އަރްނޫދު ވިދާޅުވީ އިސްލާމްވުމުން އޭނާގެ އާއިލާގެ ބައެއް މީހުންނާއި އެންމެ އެކުގައި އުޅުނު މީހުން ގުޅުން ކަނޑާލާފައިވީނަމަވެސް އެކަމުގެ އެއްވެސް ނުތަނަވަސްކަމެއް އިހްސާސްނުކުރެއްވޭކަމަށެވެ.މުސްލިމުންނާއިމެދު ހުޅަނގު ޔޫރަޕްގައި ޚާއްސަކޮށް އޭނާގެ ގައުމުގައި އުފެދިފައިވަނީ ވަރަށް ބޮޑު ނަފްރަތަކާއި ރުޅިވެރިކަމެއްކަމަށްވީނަމަވެސް ޔޫރަޕްގެ ޒުވާންޖީލުގައި އިސްލާމްދީން ފެތުރެމުންދަނީ ވަރަށް ހަލުވިކަމާއެކުކަމަށް ވިދާޅުވިއެވެ.އޭނާގެ ގައުމު ނެދަލެންޑްގައި މުސްލިމުންނަށް ވަރަށް ގިނަ ދުއްތުރާތައް ކުރިމަތިކުރެވެމުންދާކަމަށާއި މުސްލިމް އިލްމުވެރިން މީޑިއާއާއި ސިޔާސީ ފަރާތްތަކުން ސިފަކުރަނީ މުޖުރިމުންކަމަށާއި ބޭރުގައުމުތަކުން މުސްލިމު އިލްމުވެރިން ޒިޔާރަތްކުރުމަށްވެސް ހުރަސްއަޅާފައިވާކަމަށް ވިދާޅުވިއެވެ.އަދި އެކަންކަމާއި ކުރިމަތިލެއްވުމަށްޓަކައި އަރްނޫދު މިހާރު ގެންދަވަނީ އިސްލާމްދީނުގެ ދައުވަތު ޔޫރަޕްގައި ފެތުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އޭނާ އަކީ ޔޫރަޕިއަން ދައުވާ ފައުންޑޭޝަންގެ ރައީސްގެ މަގާމުވެސް ފުރައްވަމުންގެންދަވާ ބޭފުޅާއެވެ.