ވިޔަފާރި

މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފައިދާވާނީ ޑިއުޓީ ކުޑަކުރެވިގެން- މިފްކޯ


ޑިއުޓީ ކުޑަކުރެވިއްޖެނަމަ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް، މިފްކޯގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯއިން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންނާއި ވީހާވެސް ގާތުން މަސައްކަތްކުރެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން މިފްކޯގެ ސެންޓަރުތަކުން ގަންނަ މަސް ޕްރޮސެސްކޮށް، އެކްސްޕޯޓްކޮށް، މަހަށް ރަނގަޅު އަގެއް ލިބޭތޯ މިފްކޯއިން މަސައްކަތް ކުރަމުން އަންނަކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިފްކޯއަށް މިހާރު ދިމާވެފައިއޮތް ގޮންޖެހުމަކީ އިންޓަރނޭޝަނަލް މާކެޓްގައި ރޯ މަހުގެ އަގު ދަށްވުންކަމަށެވެ. އެގޮތުން އިންޓަރނޭޝަނަލް މާކެޓުތަކުގައި މިފްކޯއިން ގަންނަ މަހަށް ލިބެނީ ގާތްގަނޑަކަށް 20 އިންސައްތައިގެ ފައިދާއެއްކަމަށް ފައުޒީ ވިދާޅުވިއެވެ.

" މިފްކޯއަށް މިހާރު ދިމާވެފައިއޮތް ގޮންޖެހުމަކީ އިންޓަރނޭޝަނަލް މާކެޓްގައި ރޯމަހުގެ އަގުނެތުން. މިސާލަކަށް އަޅުގަނޑުމެން ގަންނަ މަހުގެ ގާތްގަނޑަކަށް ވިއްސަކަށް އިންސައްތަ ފައިދާކުރަނީ. އެވެސް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގަ. ކުރިއަށްއޮތްތާނގައި މިފްކޯއިން މިބަލަނީ ގަންނަ ހުރިހާ މަހެއް މިފްކޯގެ ސެންޓަރުތަކުން ޕްރޮސެސްކޮށްފަ އެކްސްޕޯޓްކުރެވޭނެ ހާލަތަކައް ހުރިހާ ސެންޓަރުތަކެއް ގެނައުން. މިކަންކުރުމަށް އިންވެސްޓަމަންޓްތައް ލިބި ފައިނޭންސް ކުރާނެގޮތަކާއިމެދު އަޅުގަނޑުމެން ސަރުކާރާއި ވާހަކަ ދައްކައިގެން ކުރިއަށްގެންދާނަން." މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހަދެއްގައި މިފްކޯގެ ސެންޓަރުތައް ވަނީ ވަނީ ގާއިމްކޮށްފައެވެ. އެއީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ކަނޑުއޮއްގިރި ފިޝިންގް ވިލެޖްއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފިޔަވައި އެހެނިހެން މަސްފެކްޓަރީތަކުގެ މަސްކިރާ މަސް ފިނިކުރުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރިއަށް ގެންދަމުންނެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ފަށައިގަތުމަށް ބައެއް ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވީ ކަމުގައިވިޔަސް އެކަންތައްތައް ހައްލުކޮށް ފެކްޓަރީގެ އޮޕަރޭޝަން ވީހާވެސް އަވަހަށް ފެށުމަށް މިފްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ. ފައުޒީ ވިދާޅުވީ މިފްކޯގެ މަސް ބޯޓްތައްވެސް ހުރީ ބޭނުންކުރެވޭ ހާލަތައް ވުރެ ދަށް ހާލަތެއްގައި ކަމަށެވެ. އެ ބޯޓްތަކުގެ ތެރޭގައި މިފްކޯއިން މީގެ އެތައް އަހަރެއް ކުރިން ބޭނުންކުރި ބޯޓް ފަހަރުތައްވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވީއެވެ.

"ފްލީޓްވެސް އަޅުގަނޑުމެން މިހާރުގެ ހާލަތައް ބަލަންޏާ ބާވެފައި ހުރީ ކުރީގެ ބޯޓް ފަހަރުވެސް އެބަހުރި. އެހެންވީމަ ފްލީޓް ރިޕްލޭސްމަންޓައްވެސް އަޅުގަނޑުމެންދާން ޖެހޭ. 40 އިންސައްތަ ކަލެކްޓް މިކުރެވެނީ އަޅުގަނޑުމެންގެ ކަލެކްޓަރ ބޯޓްފަހަރުގަ. މަސްވެރިކަން އޮންނަގޮތުން އެކި ދިމަދިމާލުން މަސްވެރިކަން މިއޮންނަނީ. 25 ޓަނުގެ ކަލެކްޓަރ ވެސަލްއަކާއި، މި ހަތަރު ކަލެކްޓަރ ވެސަލްއާއި 45 ޓަނުގެ ދެ ކަލެކްޓަރ ވެސަލް އޮންނަނީ. ކުރިއަށްއޮތްތާނގައި މި އަންނަ ދޯނި ފަހަރުގައި ޑިވަލޮޕްމަންޓައް ބަލާކަމަށް ވަންޏާ އަޅުގަނޑުމެންނަށް ނުގަނެވޭނެ ކުދި ކަލެކްޓަރ ވެސްލްތަކަކުން. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ފްލީޓް ރިޕްލޭސްމަންޓަކަށްދާން" މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގއ.ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ބައިނަލް އަޤްވާމީ ބާޒާރުގައި އެކަށިގެންވާ އަގެއް ހޯދުމަކީ މިސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި މިހާރު ޔޫރަޕަށް ރާއްޖެއިން މަސް ބޭރުކުރަން 22 އިންސައްތައިގެ ޑިއުޓީއެއް ދައްކަން ޖެހޭތީ އެއީ އިޤްތިޞާދަށްއޮތް ވަރަށް ބޮޑު ބުރައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ޙައްލެއް ގެނައުމަށް އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު މިނިވަން ވިޔަފާރިއެއްގެ އެއްބަސްވުމެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމައްދް ޞާލިޙު ވަނީ ވިދާޅުވެފައެވެ.