ވިޔަފާރި

އައުޓްރިގާ އެންޓަޕްރައިޒް ގްރޫޕުގެ ނަން އައުޓްރިގާ ހޮސްޕިޓާލިޓީ ގްރޫޕަށް ބަދަލުކޮށްފި


ރާއްޖޭގެ ރިސޯޓް ހިންގާ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އައުޓްރިގާ އެންޓަޕްރައިޒް ގްރޫޕުގެ ނަން އައުޓްރިގާ ހޮސްޕިޓާލިޓީ ގްރޫޕަށް ބަދަލުކޮށްފިއެވެ.

އައުޓްރިގާ ކުންފުންޏަކީ ރާއްޖެގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ރިސޯޓު އަދި ހޮޓާ ހިންގާ ކުންފުންޏެކެވެ. އައުޓްރިގާ އެންޓަޕްރައިޒް ގްރޫޕަކީ 1947ވަނަ އަހަރު ޤާއިމްކޮށްފައިވާ ހޮޓާ، ކޮންޑޯ އަދި ރިސޯޓު ތަރައްޤީކޮށް ހިންގާ ކުންފުންޏެކެވެ. މިކުންފުނީގެ 38 ތަނެއް ހަވާއީގެ އިތުރުން އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގައި ދަނީ ހިންގަމުންނެވެ.

ބައިނަލްއަޤްވަމީ ފެންވަރުގައި ކޮލިޓީ ބީޗް ރިސޯޓްތައް ހިންގުމުގައި ކުރިއަރާފައިވާ މިކުންފުނިން އެމެރިކާގެ ހަވައީގެ އެކި ސަރަހައްދުތަކަގައާއި، ޕެސިފިކްގެ ފިޖީ އަދި ގުއާމްގެ އިތުރުން ދިވެހިރާއްޖެ އަދި އިންޑިއަން އޯޝަންގެ މޮރިޝަސް، ތައިލެންޑް އަދި ވިއެޓްނާމްގައިވެސް ދަނީ ހޮޓާ ރިސޯޓުތައް އަދި ކޮންޑޮމީނިއަމްތައް ތަރައްޤީކޮށް ހިންގަމުންނެވެ.

އައުޓްރިގާ ކުންފުނިން ބުނީ ރީބްރޭންޑުކުރުމުގެ މައިގަނޑު މަޤްސަދަކީ ކުންފުނީގެ "ބައި އައުޓްރިގާ" ބްރޭންޑް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް، މަތީ ފަންތީގެ ބީޗް ހޮޓެލް، ރިސޯޓު ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރުކަން ހޯދުންކަމަށެވެ. އަދި ފަތުރުވެރިންގެ މެދުގައި މި ބްރޭންޑަކީ އެންމެ ފަހުގެ، އެންމެ ހިތްގައިމު މަންޒިލްތަކުގައި އެންމެ ކޮލިޓީ ބީޗް ޕްރޮޕަޓީޒްތައް ހިންގާ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުކުރުންކަމަށް އެކުންފުނިން ބުނެއެވެ.

ކުންފުނި ރީބްރޭންޑު ކޮށްފައިވާއިރު، އައުޓްރިގާ ހޮސްޕިޓާލިޓީ ގްރޫޕުން މިހާރުވެސް ދަނީ އެކި ސަރަހައްދުތަކުގައި ހުރި ހޮޓާ، ގެސްޓްހައުސްތަކުން ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެވެސް ރަނގަޅުކުރުމުގެ ގޮތުން ގިނަ އިންވެސްޓްމަންޓުތަކެއް ކުރަމުންނެވެ. މިގޮތުން ހޮނަލޫލޫގައި ހިންގަމުންދާ އެކުންފުނީގެ ޕްރޮޕަޓީޒްތަކުގެ ތެރެއިން ވަކިވަކި ބީޗް ރިސޯޓުގައި ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރުގެ މޮޑަނައިޒޭޝަން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްޤީގެ މަޝްރޫތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އޭޝިއާ ޕެސިފިކްގައި ހުރި އެކުންފުނީގެ ޕްރޮޕަޓީޒްތަކުގައިވެސް ގިނަ މަޝްރޫތަކެއް ކުރިޔަށް އަހަރުތަކުގެ ތެރޭގައި ހިންގުމަށްވަނީ ރޭވިފައެވެ.

އަނެއްކޮޅުން އައުޓްރިގާއިން މިހާރުދަނީ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުންވެސް ގިނަ މަސަައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ކަނޑު އަޑީގެ ދިރުން ހިމާޔަތްކުރުމަށް އައުޓްރިގާ ގްރޫޕުން ދަނީ އޯޒޯންގެ ނަމުގައި ހާޢްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިމަޝްރޫގެ ދަށުން މުރަކަތަކާއި ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް އެކުންފުނީގެ ދަށުން ހިންގާ ރިސޯޓު ހޮޓާތަކުން މަސައްކަތްކުރާނެއެވެ.