ކުޅިވަރު

ޔުނައިޓެޑް މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް


ކޯޗު އޮލޭގަނާ ސޯލްޝައާ އެކު މެންޗެސްޓާ ޔުނައިޓެޑާއި މޮޅުވަމުން އައި ސިލްސިލާއަށް ބާންލޭއިން ނިމުން ގެނެސްފިއެވެ.

ލީގުގައި ރޭ ބާންލޭ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.

ފަހަތުން އަރައި ޔުނައިޓެޑަށް މެޗު އެއްވަރު ކުރެވުނީ އިތުރު ވަގުތުގައި ވިކްޓަރ ލިންޑެލޯފް ޖެހި ގޯލުންނެވެ. އެއީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ޕައުލް ޕޮގްބާ ޖެހި ގޯލަށް ފަހުއެވެ.

މެޗުން މޮޅު ނުވެވުނަސް ސޯލްޝަޔާ ވަނީ އޭނާގެ ކުޅުންތެރިންނަށް ތައުރީފްކޮށްފައެވެ.
އޭނާ ބުނީ ފަހަތުން އަރައި މެޗު އެއްވަރު ކުރުމަށް ކުޅުންތެރިން ދެއްކީ ތައުރީފް ހައްގު ކުޅުމެއް ކަމަށާއި މެޗު އެއްވަރުވުން ހައްގު ނޫން ކަމަށެވެ. މެޗުގައި ޔުނައިޓެޑް ދެއްކި ކުޅުމަށް ބަލާއިރު ތިން ޕޮއިންޓް ހައްގުކަމަށްވެސް ބުންޏެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 45 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. މިއީ ހަތަރުވަނާގައިވާ އާސެނަލް އަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ. އަދި އެއްވަނާގައިވާ ލިވަޕޫލަށްވުރެ 15 ޕޮއިންޓް މަދު އަދަދެކެވެ.