ޚަބަރު

އިޖްތިމާއީ ދާއިރާގައި އެންމެ މުހިންމު ބައިވެރިޔަކީ އިންޑިއާ - ޖެންޑަރ މިނިސްޓަރ


ޒާމާނުއްސުރެ އިންޑިއާއިން ރާއްޖޭގެ އިޖްތިމާއީ ތަރައްޤީއަށް މުހިންމު އެހީތަކެއް ވަމުންދާކަމަށާއި، އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުޙިންމު އެއް ބައިވެރިޔަކީ އިންޑިއާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމިގެން ގޮސްފައިވަނީ އިންޑިއާ އަވަށްޓެރި ޤައުމަކަށްވުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް އެއްގޮތް ސަޤާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.

އަދި ރާއްޖެއާއި އިންޑާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށާއި، އެގޮތުން އިޖުތިމާޢީ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ބޮޑެތި އެހީތަކެއް ވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ޙައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ޙިއްޞާކުރައްވާފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވައިފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ވެސް މިނިސްޓަރ ދެއްވާފައިވެއެވެ.