ޚަބަރު

އިމާރާތްކުރާ ސައިޓްތަކުގެ ހެލްތު އެންޑް ސޭފްޓީއާ ބެހޭ ގަވައިދު ގެޒެޓު ކުރަން ނިންމައިފި


ރާއްޖޭގައި އިމާރާތްކުރާ ސައިޓްތަކުގެ ހެލްތް އެންޑް ސޭފްޓީއާ ބެހޭ ގަވައިދު ގެޒެޓް ކުރުމަށް ނިންމައިފިއެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ 13 ޤަވާއިދަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ސްޓެލްކޯގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ދާއިރާއަށް ޝަޢުގުވެރިކަން ހުންނަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެ ފަރާތްތަކުންވަނީ އިމާރާތް ކުރުމުގެ ޤަވާއިދުތަކާއި ގުޅޭގޮތުން ޚިޔާލު ހުށަހަޅާފައެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވާ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހަންމަދު އަސްލަމް ވިދާޅުވީ މާދަމާ އިމާރާތްކުރާ ސައިޓްތަކުގެ ހެލްތް އެންޑް ސޭފްޓީއާ ގުޅޭ ޤަވާއިދު ގެޒެޓްކުރާނެ ކަމަށެވެ. އަދި ބާކީ ހުރި ޤަވާއިދުތައް އަންނަ މާޗް މަހުގެ ކުރިން ނިންމަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ މަގުސަދަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޚިޔާލު ހޯދައިގެން އިމާރާތް ކުރުމާއި ގުޅޭ ޤަވާއިދުތައް ހެދުން ކަމަށެވެ. އަދި ޤަވާއިދު ތަންފީޒުކުރަން ދިމާވެފައިވާ ދަތިތައް ހޯދާ،އެކަންކަން ރަނގަޅު ކުރުމަކީވެސް އެ މިނިސްޓްރީގެ އަމާޒެއްކަމަށް މިނިސްޓްރީން ބުނެއެވެ.