ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށިތަކަށް އެންމެ ގިނަވެގެން ލެވޭނީ 1100 ވޯޓު - އީސީ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށްވެސް އެންމެ ގިނަވެގެން ލެވޭނީ 1100 ވޯޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިޚާބަށް އީސީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ނުކުތުމުގެ ސަބަބުން ވޯޓުލާ ކިޔު ދިގުވެ ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަކުރަންޖެހުނު ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ އިންތިޚާބަށްފަހު ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިކޮށްދިނުމަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ކޮންމެ ވޯޓު ފޮއްޓަކަށްވެސް 1100 ވޯޓު ލެވޭގޮތަށް އިންތިޒާމްކޮށްފައިވާ ކަމަށެވެ.

"އާންމު އުސޫލެއްގެ ދަށުން އަޅުގަނޑުމެން ނިންމާފައިވާނީ ވޯޓުލާ މަރުކަޒުތަކުގައި އެއް ފޮއްޓަށް ވޯޓު ލާނީ ގިނަވެގެން 1000 މީހުންނޭ. 1100 ހަމަވާނަމަ އަޅުގަނޑުމެން ދެ ފޮއްޓަކަށް މި ބަހާލަނީ. ދެފޮށި މިދަންނަވަނީ ދެ މަރުކަޒު ގޮތަށް. އެއް މަރުކަޒެއްގެ ތެރޭގައި ދެފޮށި ބަހައްޓަނީއެއްވެސް ނޫން." އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިސަރު އަކްރަމް ވިދާޅުވިއެވެ.

ވޯޓު ފޮށިތަކަށް 1100އަށް ވުރެ ގިނަ މީހުން ވޯޓުލާ ކަމަށްވާނަމަ ދެ ފޮއްޓަކަށް ވޯޓުލާ ގޮތް ހަމަޖެހިގެން ދިއުމުން މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓު ފޮށިތައް އިތުރުވެގެންދާނެއެވެ.

އަކްރަމް ވިދާޅުވީ، ވޯޓުލުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޯޓުލާ އަދަދު 500 އަށްވުރެ އިތުރުވާނަމަ އެ މަރުކަޒެއްގައި ބޭނުންކުރާނީ މުޅިން ދެ ސެޓަޕެއް ކަމަށް އޭނާ ވިދާޅުވިއެވެ.