ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު ޢާއްމުކޮށްފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން ޢާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ކަމަށެވެ. އަދި މުޅިން އަލަށް 2336 މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ވޯޓާސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤުލިބިގެންވާ މީހުންގެ އަދަދު 262,135 އެރިއެވެ.

މިފަހަރުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބުގެ ވޯޓުލީތަން ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު ޢާއްމުކުރިއިރު މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ.