އިލެކްޝަންސް ކޮމިޝަންގެ ލޯގޯއާ ކުލަ ތަޢާރަފް ކުރުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަކީ ބޭކާރު ޚަރަދު ކުރުމަށްޓަކައި ބޭއްވި ޙަފްލާއެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ލޯގޯއާ ކުލަ އިފްތިތާޙް ކުރުމަށްޓަކައި ހޮޓެލް ޖެންގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޙަފްލާއަށް ބައެއް ފަރާތްތަކުން ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެވަރުގެ ކުޑަކުޑަ ކަމަކަށް ބޭކާރު ޚަރަދުތަކެއް އިލެކްޝަނުން ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރެއް ކަމަށެވެ. އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ލޯގޯއާ ކުލަ އިފްތިތާޙް ކުރުމަށްޓަކައި "ބައި ސެންޓުވެސް" ޚަރަދުކޮށްފައި ނޯންނާނެ ކަމަށެވެ.
"ލޯގޯ ޚަރަދު ކުރުމަށްޓަކައި ބޭކާރު ޚަރަދެއް ކޮށްފައެއް ނޯންނާނެ. އަދި ލޯގޯ އިފްތިތާހް ކުރުމަށްޓަކައި ބޭކާރު ޚަރަދު ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ބޭކާރު ކަމެއް ނޫން. ތަނެއްގެ ތަޙްޒީބާ ކުރިއެރުވުމަށްޓަކައި އަދި ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ބަދަލުތަކެއް ގެނައުމަކީ ބޭކާރު ކަމެއް ކުރުމެއް ނޫން. އަނެއްކާ އަޅުގަނޑުމެން އެ ދަންނަވާ ފަދަ ގޮތަކަށް އިސްރާފެއް ކޮށްފައެއް ނޯންނާނެ. ކޮމިޝަނަކީ އަބަދުވެސް ވަރަށް ބަލައިގެން ފައިސާ ޚަރަދު ކުރާ ބައެއް،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ހޮޓެލް ޖެންގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޖަލްސާއަކީ ލޯގޯއާ ކުލަ އިފްތިތާޙް ކުރުމަށްޓަކައި ބޭއްވި ޖަލްސާއެއް ނޫން ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ބެއްވި ޖަލްސާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ޒަމާނުއްސުރެއް އިންތިޚާބުތަކަށް ކުރިމަތިލުން ހުޅުވާލުމަށްޓަކައި އިލެކްޝަނުން ޙަފްލާއެއް ބާއްވަމުން އަންނަ ކަމަށެވެ.