ޚަބަރު

ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް އަދީބު އަނބުރާ ޖަލަށް ގެންގޮސްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ކުރި އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އެންގުމުން އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު އޭނާގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދުގައި ބަހައްޓައި ދިނުމަށް އޭނާގެ ޢާއިލާއިން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި ހައިކޯޓުން އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރީ ޝަރީޢަތުގެ މަޖިލީހުގައި އެކަމަށް ދަޢުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ.

އަދީބު ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމީ އޭނާގެ މައްސަލަ ހައިކޯޓުގައި ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުންނެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރިތާ 24 ގަޑިއިރުވެސް ނުވަނީވެސް އަނބުރާ ޖަލަށް ގެންދިއުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ކަރުގައި ވާގަނޑެއް އެލުވައިގެން ދަމާހެން ނުދެމުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް ކަންތައް ނުކޮށް އަދީބަށް މިބިމުގައި އެއްވެސް އިންސާނީ ހައްޤެއް ނެތް ކަމަށް ދަޢުލަތުން ވިދާޅުވެ ދެއްވުންވެސް މާ ރަނގަޅު ކަމަށް ނަޝްވާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.