ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ "ސްޕެޝަލް އޮލިމްޕިކްސް"ގައި ރާއްޖެއިން ބައިވެރިވަނީ!


ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ދަސްކޮށްދިނުމަށް ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ފަށައިފިއެވެ. މި ކޯޗިންގ ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، ބައިނަލް އަޤްވާމީ ފެންވަރުގައި ބާއްވާ "ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް"އަށް ކުދިން ތައްޔާރުކުރުމަށް ބާއްވާ ކޭމްޕެކެވެ.

މި ޕްރޮގްރާމްގައި 20 ކޯޗުން ތަމްރީން ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިކަމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުކުޅެ، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކުރުމަށް ބާއްވާ ކޯޗިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކޯޗުން ތަމްރީންވާނީ ޓްރެއިނަރ އޮފް ޓްރެއިނީސްގެ ގޮތުގައެވެ. އެގޮތުން މި ޕްރޮގްރާމުން ތަމްރީންވާ ކޮންމެ ކޯޗެއް މެދުވެރިކޮށް އިތުރު 5 ކޯޗުންނަށް ތަމްރީންދޭނެކަމަށް ސްޕޯޓްސް މިނިސްޓްރީއިން ބުނެއެވެ. އަދި މިއިން ކޮންމެ 6ކޯޗުންގެ ގުރޫޕަކުން، ނުކުޅެދުންތެރިކަން ހުންނަ 10 ކުދިންނަށް އެކި ކަހަލަ ކުޅިވަރު ކުޅެން ދަސްކޮށްދީ، އެކުދިންނަށް ތަމްރީންތައް ދޭނެއެވެ.

ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވީ މިއީ ފެށުމެއްކަމަށާއި، ކުރިއަށް އޮތްތާންގައި އިތުރު ފުރުސަތުތައް ފަހިކޮށްދޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެހެން ކުދިންނާއި ތަފާތެއް ނެތި މިފަދަ ކުދިންނަށް ބޭނުންވާ ކުޅިވަރާއި ގުޅުންހުރި ކަންކަން ފޯރުކޮށްދޭނެކަމަށެވެ.

އަޑު: "ޕެރަލިމްޕިކް ބޮޑީއެއް އުފެއްދުމަށް މިދަނީ މަޝްވަރާކުރަމުން. މިފަދަ ކުދިންނަށް ފުރުސަތު ފަހިކޮޮށްދިނުމަށް ޔުނިސެފާއިވެސް އެބަ މަޝްވަރާކުރަން." މަހްލޫފު ވިދާޅުވިއެވެ.

މިއަަހަރުގެ މަރޗްމަހު އަބޫދާބީގައި ބާއްވާ "ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމް"އަށް ނުކުޅެދުންތެރިކަން ހުންނަ 4 އެތްލީޓުން ރާއްޖެއިން ދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ. އަންނަ މަރޗް 14އިން 21އަށް އޮންނަ ސްޕެޝަލް އޮލިމްޕިކްސްގައި 170 ޤައުމަކުން 7000 އެތްލީޓުން ބައިވާނެއެވެ.