ޚަބަރު

ވަކިން ސިގިރޭޓު ވިއްކުން ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ވަކިން ސިގިރޭޓު ވިއްކުން ހުއްޓުވުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލަފާ އަރުއްވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުއްވީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" ތަންފީޒު ކުރުމަށެވެ. އަދި ދުންފަތާއި ގުޅޭ ޤަވާޢިދު ތަންފީޒު ކުރުމަށްޓަކައި ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްޙީ އިންޒާރު ޖެހުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. އަދި، ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްޙަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ލާޒިމު ކުރާ ކަންކަމެވެ.

ވަކިން ސިގިރޭޓު ވިއްކުން ހުއްޓުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ އަރުވާފައިވާއިރު ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ތަޞްވީރު ޖެހުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤަވާއިދު ގެޒެޓްކޮށް ތަންފީޒުކޮށްދިނުމަށް ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ހެލްތު މިނިސްޓްރީގައި މިދިޔަ ޑިސެމްބަރ މަސް ތެރޭގައި ވަނީ އެދިފައެވެ.