ޚަބަރު

އެމްޑީޕީ މަޖިލިސް ކެމްޕެއިން މެނޭޖަރަކަށް ސާބެ ހަމަޖައްސައިފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ އެޕާޓިން ކަނޑައަޅައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަޙްމަދު ޝާހިދު (ސާބެ) ކަމަށެވެ. އޭނާ އަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝާހިދަކީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ ޢަބްދުﷲގެ ފިރިކަލުންވެސްމެއެވެ.

އެމްޑީޕީން ބުނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ފަރާތުން ޚާއްސަ ކެމްޕެއިން އޮފީހެއް ޤާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ މައި ކެމްޕެއިން އޮފީސް ހުންނަނާނީ މއ. މަޒާގައި ކަމަށްވެސް އެޕާޓީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ކެމްޕެއިން މެނޭޖަރަކާއި ޚާއްސަ ކެމްޕެއިން އޮފީހެއް އެމްޑީޕީގެ ފަރާތުން ޤާއިމްކޮށްފައިވާއިރު އެޕާޓީން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝަޢުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި ވާދަވެރި ޕްރައިމަރީއެއް ބާއްވާ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ފަރާތުން 87 ދާއިރާއަށް ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅާފައެވެ.